ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކ. ދިއްފުއްޓަށް ވަޑައިގެން، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އެ ރަށުގައި ޤާއިމްކޮށްފައިވާ އައު އިންޖީނުގެ ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ..
މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަމާޙް ރަޝީދު އާއި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ..
ދިއްފުށީގައި ހުޅުވި އައު އިންޖީނު ގޭގެ މަސައްކަތް ފަށާފައިވަނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ. އަދި މަސައްކަތް ނިމިފައިވަނީ 2025މި އަހަރުގެ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ކޮންޓްރެކްޓަރަކީ ސަންވިލް ޕވޓ ލޓޑް ކަމަށް ސްޓެލްކޯއިން މަޢުލޫމާތުދެއެވެ. އަދި މަސައްކަތުގެ ޖުމްލަ އަގަކީ 12،535،490.33 (ބާރަ މިލިއަން ފަސް ލައްކަ ތިރީސް ފަސް ހާސް ހަތަރު ސަތޭކަ ނުވަދިހަ ރުފިޔާ. ތިރީސް ތިން ލާރި) އެވެ.
މި މަޝްރޫޢުގެ ދަށުން އައު އިންޖީނުގެއާއި، ކަސްޓަމަރ ސަރވިސް ބިލްޑިންގއެއްގެ އިތުރުން އިންފާރެއްވެސް ވަނީ ޤާއިމްކުރެވިފައެވެ. މި އިންޖީނުގޭގެ ފާހަގކޮށްލެވޭ އެންމެ ބޮޑު ކުރިއެރުމަކީ އިންޖީނުގެ ކެޕޭސިޓީ އިތުރުވުމެވެ. ކުރީގެ އިންޖީނުގޭގެ ކެޕޭސިޓީ 2.2 މެގަވޮޓް (2،200 ކިލޯވޮޓް) ގައި ހުރިއިރު، އައު އިންޖީނުގޭގެ އިންސްޓޯލަބަލް ކެޕޭސިޓީ ވަނީ 7 މެގަވޮޓަށް (7،000 ކިލޯވޮޓް) އިތުރުކުރެވިފައެވެ. މީގެ ސަބަބުން ރަށުގެ ކަރަންޓުގެ ޑިމާންޑް ބޮޑުވިޔަސް އެކަމަށް ފުރިހަމައަށް ޖަވާބުދެވޭނެއެވެ.
އައު އިންޖީނުގޭގައި އިންޖީން ރޫމާއި ކޮންޓްރޯލް ރޫމްގެ އިތުރުން، މުވައްޒަފުންނަށް ޚާއްޞަކޮށްގެން އޮފީސް ބަޔަކާއި، އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނޭކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ..



