ޒަމާނުއްސުރެ ދިއްފުށީ ރައްޔިތުންނަށް އަޅާނުލާ އޮތް އޮތުން ބަދަލުކޮށް، އެ ރަށުގެ ތަރައްޤީއަށް ބޮޑެތި މަސައްކަތްތަކެއް ކޮށްދޭނީ މި ސަރުކާރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ދިއްފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މެމްބަރު ނަސީމް ވަނީ ދިއްފުއްޓަކީ ޒަމާނުއްސުރެ ސަރުކާރުތަކުން މާބޮޑު އެއްބާރުލުމެއް ނުލިބި މި ހިސާބަށް އައިސްފައިވާ ރަށެއް ކަމަށާއި، އެހެންކަމުން ރައްޔިތުންގެ ހިތްތަކުގައި އަބަދުވެސް ސަރުކާރަކުން ދިއްފުއްޓަށް ކަމެއް ނުކޮށްދޭނެ ކަމުގެ ވިސްނުން އޮންނަކަން ފާހަގަކުރައްވާފައެވެ.
އެގޮތުން މެމްބަރު ނަސީމް ވަނީ ދިއްފުށީ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިކަން ޤަބޫލުކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި ދިއްފުށީ ބިން ހިއްކުމުގެ މަޝްރޫޢު ފެށުމަށް ކުރިމަތިވި ގޮންޖެހުންތަކާއެކު، މަސައްކަތް ލަސްވުމުން، މި ސަރުކާރުންވެސް އެހެން ސަރުކާރުތަކެކޭ އެއްފަދައިން ދިއްފުއްޓަށް ކަމެއް ކޮށްނުދޭނެ ކަމަށް ބުނެ ވާހަކަތަކެއް ފެތުރުނު ނަމަވެސް، ސަރުކާރުން މި މަސައްކަތް އަވަސްކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރި ކަމަށް ވިދާޅުވެފައެވެ.
ދިއްފުށީގެ ތާރީޚަށް ބަލާއިރު، ރަށުގެ ބޮޑެތި ތަރައްޤީގެ މަސައްކަތްތައް ހިންގާފައިވަނީ ރައްޔިތުންގެ އަމިއްލަ މަސައްކަތުންނާއި، ދީލަތި ފަރާތްތަކުގެ އެހީގައިކަން ވެސް މެމްބަރު ނަސީމްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ނަސީމް ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ކަރަންޓު ލީއިރު ދިއްފުށީގައި ކަރަންޓު ލީވެސް ރައްޔިތުން ނުކުމެ ކުރި މަސައްކަތުން ކަމަށާއި، ސަރުކާރަކުން ނޫން ކަމަށެވެ. މީގެ އިތުރުން ދިއްފުށީ ސްޓޭޖް، ފެނުގެ ނިޒާމް، ނަރުދަމާގެ ނިޒާމް، އިންޖީނުގެ އަދި ކުނިގޮނޑު ތަރައްޤީކުރުން ފަދަ ކަންކަންވެސް ހިންގާފައިވަނީ ހެޔޮ އެދޭ ފަރާތްތަކުގެ އެހީގައިކަން ނަސީމް ފާހަގަކުރެއްވިއެވެ. އަދި ސަރުކާރަކުން ރަށަށް ކޮށްދިން ކަމަކަށް ފާހަގަކުރެވޭ ބޮޑު ކަމެއްގެ ގޮތުގައި އޮތީ 2010 ވަނަ އަހަރު ބަނދަރު ހެދިއިރު ރައްޔިތުންގެ އެދުމުގެ މަތިން އިންޑަސްޓްރިއަލް ޒޯނެއްގެ ފަސްގަނޑެއް ހެދުން އެކަނި ކަމަށާއި، އެހެންކަމުން ރައްޔިތުންގެ ވިސްނުން ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް މި ސަރުކާރުން ދިއްފުށީގެ ކަންތައްތައް ކޮށްދީ، ސަރުކާރާ މެދު ރައްޔިތުން ދެކޭގޮތް ބަދަލުކުރައްވާނީ ރައީސް މުޢިއްޒު ކަމަށް ނަސީމް ވިދާޅުވެފައި ވެއެވެ.
“އިރާދަކުރެއްވިއްޔާ މި ސަރުކާރުން ދިއްފުށީގެ ކަންތައްތައްކޮށް ސަރުކާރާއި މެދު ދެކޭގޮތް ބަދަލުކުރައްވާނީ ރައީސް ޑރ، މުހައްމަދު މުއިއްޒު” ނަސީމް ވިދާޅުވިއެވެ.
އަދި ދިއްފުއްޓަށާއި ދާއިރާއަށްވެސް ފާގަތި ދުވަސްތަކެއް މި ސަރުކާރުން ގެނެސްދޭނެ ކަމަށާއި، ދިއްފުށީގެ ތާރީޚުގައިވެސް ސަރުކާރެއްގެ ދައުރެއްގެ ތެރޭގައި އެންމެ ގިނަ މަސައްކަތްކުރާ ސަރުކާރަކަށް މި ސަރުކާރު ހަދާނެކަމުގެ ޔަގީންކަން ދެއްވިއެވެ.



