ރާއްޖެއަށް 1988ވަނަ އަހަރު ދިން އުދުވާނީ ހަމަލާގައި ގައުމަށްޓަކައި ޝަހީދުވި ކޯޕްރަލް ޝަހީދު ހުސައިން އާދަމްގެ ހަނދާނުގައި، ކުޅުދުއްފުށި ސިޓީގައި ހަދާ ހަނދާނީ ބިނާ، ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މި އަހަރު ހުޅުވާނެކަން އެ ސިޓީގެ ކައުންސިލުން ހާމަކޮށްފިއެވެ.
އެ ބިނާ ހަދާފައިވަނީ ޝަހީދު ހުސައިން އާދަމް އެންމެ ފަހުން އެރަށުން ފުރާވަޑައިގެންނެވި ކުރީގެ ބަނދަރު ސަރަހައްދުގައެވެ. އަދި މި ބިނާ ހަދަން ފެށީ މިދިޔަ އަހަރުގެ ފަހުކޮޅެވެ.
ޝަހީދު ހުސައިން އާދަމްގެ ހަނދާނުގައި ބަހައްޓާ ހަނދާނީ ބިނާގައި ހުންނާނީ ހުސައިން ބޭނުންކުރެއްވި އޭކޭ-47 ބަޑީގެ ހަތް ފޫޓުގެ ނަކަލެކެވެ. ގެ އިތުރުން، ޝަހީދު ހުސައިން އާދަމް އެ ދުވަހު ހުންނެވި ގޭޓަށް ވަޒަން އަރާފައި ހުރި ގޮތަށް، އެ ގޭޓުގެ ދެފަރާތުގެ އަރިމަތީގައި ހުންނަ ޕެޓާންގެ ނަކަލެއް ވެސް ބިނާގައި ހިމެނޭނެ ކަމަށް ކައުންސިލުން ބުނެއެވެ.
ކުޅުދުއްފުށީ ކައުންސިލުން ބުނިގޮތުގައި މި ބިނާ އިފުތިތާހުކޮށްދޭނީ ޝަހީދު ހުސައިންގެ އާއިލާއިންނެވެ.



