ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގެ ސްކޫލް ޓީޗަރަކު އެ ސްކޫލުގެ ފިރިހެން ދަރިވަރުންތަކަކަށް އޮރިޔާން މަންޒަރު ހިމެނޭ ވީޑިއޯ ދައްކައި، ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ދިވެހި ފިރިހެން ޓީޗަރަކު ހައްޔަރުކޮށްފިއެވެ. މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ އާދިއްތަ ދުވަހުއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މި ތުހުމަތާ ގުޅިގެން ހޯމަ ދުވަހު 40 އަހަރުގެ ދިވެހި ފިރިހެން ޓީޗަރަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 30 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. މި މައްސަލަ މިހާރު ދަނީ ފުލުހުން ތަހުގީގު ކުރަމުންނެވެ.
ދަރިވަރުންނަށް ޓީޗަރުންގެ ފަރާތުން ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުތައް ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ.



