ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމަށް ނޮވެމްބަރު ތިނެއްގެ ޝަރަފުގެ ޚާއްސަ އައްޑަނަ މިއަދު އަރުވައިފިއެވެ. މި އައްޑަނަ އެރުވީ ނަސްރުގެ ދުވަހުގެ މުނާސަބަތު ފާހަގަކުރުމަށް މިހާރު ކުރިއަށްދާ ޚާއްސަ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މައުމޫނަށް މި ޝަރަފުވެރި އައްޑަނަ އެރުވުނީ، 1988 ވަނަ އަހަރުގެ ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގައި އޭރުގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ކުރެއްވި މަތިވެރި މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ. އެ ދުވަހުގެ ހާދިސާގައި ދިވެހި ދައުލަތާއި ރައްޔިތުން ސަލާމަތްކުރުމަށް އެމަނިކުފާނު އަދާކުރެއްވި ދައުރު ފާހަގަކުރުމަކީ މި އައްޑަނައިގެ ބޭނުމެވެ.
މިއަދުގެ ޖަލްސާގައި ރައީސް މުއިއްޒު ވަނީ ނޮވެމްބަރު 3 ގެ ހަމަލާގައި ޝަހީދުވީ މީހުންގެ އާއިލާތަކަށް ވެސް ހަނދާނީ ޚާއްސަ އައްޑަނައެއް އަރުވައިފައެވެ. މި އައްޑަނަ އެރުވީ، ގައުމަށްޓަކައި ޝަހީދުވި ދިވެހި ދަރިންގެ ޚިދުމަތުގެ އަގު ގައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރުމުގެ ގޮތުންނެވެ. ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުޢިއްޒާއި، ޑިފެންސް ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވެސް ވަނީ ވާހަކަފުޅުދައްކަވައިފައެވެ.
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި މި ޖަލްސާގައި، ނޮވެމްބަރު 3 ގެ ހާދިސާތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ތަމްސީލެއް ވެސް ވަނީ ދައްކައިފައެވެ.



