ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފުވައްމުލަކާއި އައްޑު އަތޮޅަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިއަދު މެންދުރުފަހު ފުރާވަޑައިގެންފިއެވެ.
ރައީސްގެ ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ފުވައްމުލަކާއި އައްޑޫ ސިޓީ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވުމެވެ. މި ބައްދަލުވުންތަކުގައި ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އިސްކަންދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. މީގެ އިތުރުން ރައީސް މުޢިއްޒު ވަނީ އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެމީހުންގެ ހާލު ބައްލަވާލެއްވުމަށް ވެސް ހަމަޖައްސަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ފުވައްމުލައް ސިޓީގެ އިތުރުން އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ، ހުޅުދޫ އަދި މީދޫ އަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅަކީ، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރައްވައި، ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް އެމަނިކުފާނު ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ކުރައްވާ ދަތުރުފުޅެއްކަން ރައީސް އޮފީހުން ހާމަކުރައްވައެވެ.
މި ދެ ދުވަހުގެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަނީ ބައެއް ވަޒީރުންނާއި ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންފައެވެ.



