އައްޑޫ ސިޓީގެ ދެ ރަށް ކަމަށްވާ ހުޅުދޫ އާއި މީދޫ އިދާރީ ގޮތުން ވަކިކުރުމަކީ، އެ ދެ ރަށުގެ ތަރައްޤީގެ ދޮރު ހުޅުވިގެންދާނެ ކަމެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ ހުޅުދޫ އަދި މީދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ދެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އިދާރީ ހިންގުމުގެ ނިޒާމުގެ ދަށުން ހުޅުދޫ އަދި މީދޫގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ނިކަމެތިކަމާއި އެކަހެރިކަމުގެ މައްސަލަ ނިންމުމަށް ގިނަ ރައްޔިތުން އެދުމާ ގުޅިގެން، އެކަމަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ވަޢުދުވެވަޑައިގެންނެވި ކަމަށެވެ. އެ ވަޢުދުފުޅާ އެއްގޮތަށް، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކާއެކު، އައްޑޫ ސިޓީން އެ ދެ ރަށް މިހާރު ވަނީ އިދާރީ ގޮތުން ވަކިކުރެވިފައެވެ. އެމަނިކުފާނު ފާހަގަކުރެއްވީ މިއީ ދެ ރަށުގެ ތަރައްޤީގެ އާ ފެށުމެއް ކަމުގައެވެ.
ރައީސް ވިދާޅުވީ ރަށެއް ތަރައްޤީކުރުމުގައި އެންމެ މުހިންމު ކަމަކީ، އަސާސީ މުނިސިޕަލް ޚިދުމަތްތަކާއި ރަށްވެހިކަމުގެ ޚިދުމަތްތައް ރައްޔިތުން ބޭނުންވާ ގޮތަށް، އެމީހުންނާ ގާތުން ފަހިކޮށްދެވުން ކަމަށެވެ. މިކަން ޙާޞިލުކުރުމުގެ މަގު މިހާރު ކަށަވަރުވެފައިވާ ކަމަށާއި، އަންނަ އަހަރު އިންތިޚާބުކުރެވޭ އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫ ކައުންސިލްތަކާއެކު، ރައްޔިތުން އެދޭފަދައިން އެ ޚިދުމަތްތައް ފޯރުކޮށްދޭން ފެށޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ހުޅުދޫ އާއި މީދޫގެ ތަރައްޤީއަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އަހަރުތަކެއްވަންދެން ބާކީކުރެވިފައިވާ ބަޔަކަށް އިސްކަން ދިނުމަކީ ތަފާތުކުރުމެއް ނޫން ކަމަށާއި، އެއީ ހަމަހަމަކަން ޤާއިމުކުރުމުގެ ސިޔާސަތެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ތަރައްޤީގެ ދާއިރާތައް ކަމަށްވާ ޞިއްޙީ، ތަޢުލީމީ، ވަޒީފާގެ، އަދި އުމްރާނީ ތަރައްޤީގެ މަސައްކަތްތައް ހިންގުމުގައި، ސަރުކާރުގެ ބަޖެޓުގެ ތެރެއިންނާއި، އަމިއްލަ ކުންފުނިތަކުގެ އެހީގައި ފަހިކޮށްދެވޭ ކަންކަމުގައިވެސް، އައްޑޫ ހުޅުދޫ އާއި މީދޫ ހިމެނޭ ގޮތަށް މުޅި އައްޑޫ އަތޮޅަށް ހަމަހަމަކަމާއެކު ތަރައްޤީ ގެނެސްދޭނެ ކަމަށެވެ. އައްޑޫ އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ތަރައްޤީ ޙާޞިލުވަންދެން މި ސަރުކާރުން އެ ރައްޔިތުންނަށް ކަންކަން ކޮށްދޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
އަދި ހުޅުދޫ އާއި މީދޫއަށް ބޭނުންވާ ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރުވެސް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.



