ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ހަނިމާދޫ އެއާޕޯޓުގެ ނިމިފައިވަނީ އެންމެ 28 ވަރަކަށް އިންސައްތަކަމަށާއި، ބާކީ 72 އިންސައްތައިގެ މަސައްކަތް ނިންމީ މި ސަރުކާރުން ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
ހއ. ހަނިމާދޫގައި ތަރައްޤީކުރި އިންޓަރނޭޝަނަލް އެއަރޕޯޓު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވަނީ އެއަރޕޯޓްގެ ތަރައްޤީގެ މަސައްކަތް ފެށުނީ ކުރީ ސަރުކާރުގައި ކަމަށްވީއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު އެއަރޕޯޓް ހިންގުމަށް ބޭނުންވާ މުހިއްމު ގިނަ ފެސިލިޓީތައް ނުނިމި ހުރިކަން ފާހަގަކުރައްވާފައެވެ. އަދި އެއީ ބަޔަކަށް ޤަބޫލުކުރަން ދަތިވާނެ ކަމެއް ނަމަވެސް އެކަމުގެ ހަޤީޤަތް ޝަރީފް ވަނީ ސާފުކޮށްދެއްވާފައެވެ. އެގޮތުން މި ސަރުކާރުން އެއާޕޯޓުގެ ބާކީ 72 އިންސައްތައިގެ މަސައްކަތް ނިންމިކަން ފާހަގަކުރެއްވިއެވެ.
“މި މަސައްކަތަކީ މި ސަރުކާރު އައިއިރު 28 ޕަސެންޓާއި 30 ޕަސެންޓާއި ކޮމްޕްލީޓްވެފައިވާ ތަނެއް. އަޅުގަނޑުމެން ހަވާލުވިއިރު ޕެސެންޖާ ޓާމިނަލް ބިލްޑިންއެއް ނުނިމޭ. ކާގޯ ޓާމިނަލް ބިލްޑިންއެއް ނުނިމޭ. ޖެޓީއެއް ނުނިމޭ, ފަޔަރ ސްޓޭޝަނެއް ނުނިމޭ. އިންޖީނުގެއެއް ނުނިމޭ.” ޝަރީފް ވިދާޅުވީއެވެ.
ޝަރީފް ވިދާޅުވީ ހަނިމާދޫ އެއަރޕޯޓަކީ ބޮޑު ތިލަދުންމަތީގެ އިޤްތިސާދަށް އައު ދިރުމެއް ގެނެސްދޭނެ ތަނެއްކަމަށެވެ. އަދި މި އެއަރޕޯޓް ރަސްމީކޮށް ހުޅުވާލުމާއެކު، އުތުރުގެ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
“މުޅި ބޮޑު ތިލަދުންމަތި ހޭލައިފި. ބޮޑު ތިލަދުންމަތި ހޭލައިގަތީ ވައިގެ ބަނދަރެއްގެ ސިފައިގައި ފެންނަން މި އޮތް އިޤްތިސާދީ ބޮޑު މަސައްކަތުގެ ފަހަތަށް އުފަންވެގެން އަންނާނެ ވަޒީފާގެ އެތައް ފުރުސަތުތަކާ. ބޭރު ފައިސާ ލިބޭނެ މަޝްރޫއެއްކަން. އެއީ މުޅި ބޮޑު ތިލަދުންމަތި ދިއްލާލި ބޮޑު ދަންމަރެއް.” ޝަރީފް ވިދާޅުވެފައިވެއެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، މި އެއަރޕޯޓަކީ މީގެ އެތައް ސަތޭކަ އަހަރު ކުރިން ވެސް ބޮޑު ތިލަދުންމަތި ދެކެމުން އައި ގަދީމީ ހުވަފެނެކެވެ. ޝަރީފް ވިދާޅުވީ، މަސައްކަތުގެ ބޮޑު ބައި ނުނިމި ހުރި ނަމަވެސް، ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މުޅި މަސައްކަތް ނިންމާލެވުނީ އެ މަސައްކަތް ކުރެއްވުމަށް ބާރު އަޅުއްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ދެއްވެވި އެހީތެރި ކަމުގެ ސަބަބުންނެވެ. އެކަމަށްޓަކައި އެމަނިކުފާނަށް ވަނީ ޝުކުރުއަދާކުރައްވާފަ އެވެ.



