ދިވެހިޤައުމަށް ފަޚުރުވެރި ތަމައްދުނާއި ތަރައްޤީގެ ދުވަސްތައް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ރައީސް ވަނީ އިޚްލާސްތެރި ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުއްވާފައެވެ.
ރައީސް ވިދާޅުވީ، ދިވެހީންގެ ރާއްޖެ ދިވެހީންނަށް ހޯދައިދީ، ރައްޔިތުން އެދޭ އަމާޒުތައް ޙާސިލްކޮށްދިނުމަށް މި ސަރުކާރުން ފައްޓަވާފައިވާ ދަތުރުގައި ކުރިއަށްދާނީ އިޚްލާސްތެރިކަމާއެކު މާތް ﷲގެ ޙަޟްރަތުން ވާގިއެދިތިބެކަމަށެވެ. އަދި ދިވެހިން ފަޚުރުވެރިވާނޭ ތަމައްދުނާއި ތަރައްޤީގެ އުޖާލާ ދުވަސްތައް މިޤައުމަށް ހޯއްދަވައިދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނުވަނީ ދިވެހި ރައްޔިތުންނަށް ދެއްވާފައެވެ.
މި މުނާސަބަތުގައި ރައީސް ވަނީ ދިވެހި ރައްޔިތުންގެ ބަދަހިކަމާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ. އޭގެ އިތުރުން، އެމަނިކުފާނުގެ ޕޯސްޓުގައި ދިވެހި ޤައުމު ބާއްޖަވެރިކަމާއި ފާގަތިކަމުގައި އަބަދުމެ ލެހެއްޓެވުން އެދިވަނީ ހެޔޮ ދުޢާ ކުރައްވާފައެވެ.
ޖުމްހޫރީ ދުވަހަކީ ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. މިއީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ޤާއިމުކުރެވުނު ދުވަހެވެ. މި އަހަރު ފާހަގަކުރެވެނީ ދިވެހިރާއްޖޭގައި ދެވަނަ ފަހަރަށް ޖުމްހޫރިއްޔަތެއް ޤާއިމު ކުރެވުނުތާ 57 އަހަރު ފުރޭ ދުވަސްކަން ފާހަގަކޮށްލެވެއެވެ.



