ނޫސްވެރިކަމުގެ ކޯސްތަކުގައި ބައިވެރިވެ، އެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރުމަށް މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ކިބައިން ޒުވާނުން ބާރުވެރިކުރުވުމާއި އަދި ފަންނާނުކަމާބެހޭ މިނިސްޓަރ އިބްރާހިމް ވަހީދު އެދިވަޑައިގެންފިއެވެ. މިނިސްޓަރ މިފަދައިން ވިދާޅުވީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ޔޫތު މިނިސްޓްރީއާ ދެމެދު އިސްތިރާޖީ ފަހުމުނާމާއެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެމްއެންޔޫގެ ކޮންފަރެންސް ހޯލްގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައި ސޮއިކުރި މި ފަހުނަމާގެ ދަށުން ޔުނިވަރސިޓީން ފޯރުކޮށްދޭނެ ހިދުމަތްތަކުގެ ތެރޭގައި މިނިސްޓްރީން ހިންގާ ޓްރެއިނިން ޕްރޮގްރާމްތަކުގައި ޔުނިވަރސިޓީގެ ވަސީލަތްތައް ފޯރުކޮށްދިނުމާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ މިންގަނޑުތަކަށް ފެތޭ ޕްރޮގްރާމްތައް ތައްޔާރުކުރުމުގައި ފަންނީ އެހީތެރިކަން ދިނުން ހިމެނެއެވެ. އަދި ކޮލެޖު އޮފް ޓްރެއިނިން ސެޝަން ހިންގުމަށާއި ޕްރޮގްރާމްތަކަށް ގާބިލް ފެސިލިޓޭޓަރުން ނެގުމަށް އެހީތެރިވެދިނުން ވެސް ހިމެނެއެވެ.
އަދި ހަމައެހެންމެ މިނިސްޓްރީން ފޯރުކޮށްދޭނެ އެހީތެރިކަމުގެ ތެރޭގައި ޔުނިވަރސިޓީގެ ޕްރޮގްރާމްތަކަށް ބައިވެރިން ހޯދުމުގައި އެހީތެރިވުމާއި މީޑިއާ އާއި ގުޅުންހުރި ޕްރޮގްރާމްތަކުގެ ކޯސްތަކުގެ ފީގެ ވަކި ނިސްބަތެއް ދެއްކުމުގައި ބައިވެރިވުން ހިމެނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވަނީ ތައުލީމީ ޕްރޮގްރާމުތަކުގައި ބައިވެރިވުމަކީ ނޫސްވެރިންގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރައްވާފައެވެ.
މިނިސްޓަރ ވިދާޅުވިގޮތުގައި ރާއްޖޭގެ ގިނަ ނޫސްވެރިން (ގާތްގަނޑަކަށް 90 އިންސައްތަ) މަސައްކަތަށް ނުކުންނަނީ ސްކޫލް ނިންމާފައި، އެ ދާއިރާއަށް ހުރި ޝައުޤުވެރިކަމެއްގެ ބޮޑުކަމުންނެވެ. އަދި މިނިސްޓަރ ވަހީދު ވަނީ ކޯސްތަކުން ދަސްވާ އެއްޗަކާއި، މަސައްކަތުގެ ތެރެއިން ދަސްވާ އެއްޗަކާ ވަރަށް ބޮޑު ތަފާތެއް ހުންނާނެކަން ފާހަގަކުރައްވާ، މި ޕްރޮގްރާމުތަކުގައި ބައިވެރިވުމުން ނޫސްވެރިންގެ ޢިލްމާއި ލިޔުންތެރިކަން އިތުރަށް ރަނގަޅުވެ، ފެންވަރު ރަނގަޅުވާނެ ކަމަށް ވިދާޅުވެފައެވެ.
މީގެއިތުރުން ނޫސްވެރިކަމުގެ ތަޢުލީމު ހާސިލުކުރަން ބޭނުންވާ ފަރާތްތަކަށް ސަރުކާރުން ފުރިހަމައަށް އެހީތެރިވާނެކަމުގެ ޔަގީންކަންވެސް މިނިސްޓަރ ދެއްވިއެވެ. މި އެހީތެރިކަމުގެ ތެރޭގައި ކޯސް ފީއަށް ބޭނުންވާ މާލީ އެހީތެރިކަން ދިނުމާއި، ކުރު ކޯސްތަކުން ފެށިގެން ޑިގްރީ އަދި މާސްޓާސް ފެންވަރާ ހަމައަށް ހުރި ހުރިހާ ކޯސްތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުން ހިމެނޭނެއެވެ. މިނިސްޓަރ ވަނީ ވަނީ މި ފުރުސަތުގެ ބޭނުން ހިފުމަށް ނޫސްވެރިންނަށް އިލްތިމާސްކުރައްވާފައެވެ.
އެމްއެންޔޫއާ އެކު މި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، މިހާރު ފަސް ޕްރޮގްރާމެއް ކުރިއަށް ގެންދެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން، އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒު އާދަމްގެ މަޢުލޫމާތާ ހަވާލާދެއްވާ މިނިސްޓަރ ވިދާޅުވީ، އަންނަ އަހަރު ނޫސްވެރިކަމުގެ މާސްޓާސް ޕްރޮގްރާމެއް ވެސް ފެށުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.



