ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން މިހާތަނަށް 2200 އަށްވުރެ ގިނަ މީހުން އެއްބަސްވުމުގައި ސޮއިކޮށް ރަޖިސްޓްރީއާ ހަވާލުވެފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރަން ފަށާފައިވަނީ މިދިޔަ ޖުލައިމަހުގެ 12 ވަނަ ދުވަހުއެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ދެއްވާފައިވާ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، ގުޅީފަޅުން ޖުމްލަ 3548 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު، އިއްޔެއާ ހަމައަށް 2241 މީހަކާ ވަނީ ރަޖިސްޓްރީ ހަވާލުކޮށްފައެވެ. ގޯތީގެ އެއްބަސްވުމުގައި ސޮއިކޮށް ރަޖިސްޓްރީއާ ހަވާލުވުމަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް ހުށައެޅުމުގެ ފުރުޞަތު މިމަހުގެ 6 ވަނަ ދުވަހާ ހަމައަށް ވުޒާރާއިން ވަނީ ދީފައެވެ.
ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް އަލުން ރަޖިސްޓްރީ ދޫކުރަން ޖެހުނީ، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުތަކާ ގުޅިގެން ގޯތީގެ ޕްލޮޓް ކަނޑައެޅުމަށް އަލުން ގުރުއަތު ނަގާފައިވާތީ ކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެ ވުޒާރާއިން އިތުރަށް ވިދާޅުވީ މިކަމުގެ ސަބަބުން ކުރިން ގޯތި ލިބި ރަޖިސްޓްރީ ދޫކުރި ޕްލޮޓްތައް ބަދަލުވެފައިވާ ކަމަށެވެ.
ރަޖިސްޓްރީތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ބިން ހަވާލުކުރުމުގެ މަސައްކަތްތައްވެސް އަންނަނީ ކުރިއަށެވެ. ގޯތީގެ ރަޖިސްޓްރީއާ ހަވާލުވުމަށް އަންނައިރު، ގޯތި ލިބިފައިވާ ފަރާތް ނުވަތަ ފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަން ޖެހެއެވެ. އަދި ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، ޕަވަރ އޮފް އެޓަރނީގެ އަސްލާއި، އެ ފަރާތުގެ އައިޑީ ކާޑުގެ އަސްލު ގެންދިއުމަށް ވުޒާރާއިން އިލްތިމާސްކުރެއެވެ.



