ސަރުކާރުން ފަށާފައިވާ ތަރައްޤީގެ މަޝްރޫތަކަކީ، ވައުދުވެ ވަޑައިގެންނެވި ގޮތަށް ފަށައިގެން ކުރިއަށް ގެންދާ މަޝްރޫޢުތަކެއް ކަމަށާއި، ކޮންމެ ރަށަކުންވެސް ދެން ފެނިގެންދާނީ މަޝްރޫޢުތައް ފަށައި، ނިމިގެންދާ މަންޒަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މާލެ އަތޮޅު ގުޅީ ބިން ހިއްކުމާޢި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ކޮންމެ ރައްޔިތަކީ ސަރުކާރަށް ހަމަހަމަ ރައްޔިތެއްކަމަށެވެ. އެރަށެއްގެ ރައްޔިތުންނަށް ކޮށްދޭން އޮތް ކަމެއްނަމަ މިސަރުކާރުން ކޮށްދެއްވައި އެކަންކަން ނިންމަމުންދާނެކަމަށެވެ. އަދި މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ސޮއިކޮށް ފަށާ، ނިންމަމުންދާނެކަމަށާއި ކޮންމެ ރަށަކުންވެސް މިފަދަ މަންޒަރުތައް ފެންނަމުންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވަނީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދުމަކީ މިސަރުކާރުގެ އަމާޒުކަމަށާއި، އެގޮތުގައި މަސައްކަތް ކުރައްވަމުންދާނެ ކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ.
“ރާއްޖޭގެ ކޮންމެ ރަށެއްގެ ރައްޔިތުންނަށްވެސް އަޅުގަނޑު ދަންނަވަން އޮތީ މިހެން، ރާއްޖޭގެ ކޮންމެ ރަށެއްގެ ރައްޔިތުންނަކީވެސް، އަޅުގަނޑު ކުރިމަތީގައި މި ސަރުކާރުގެ ކުރިމަތީގައި ހަމަހަމަ ރައްޔިތުންނޭ، އެރަށެއްގެ ރައްޔިތުންނަށް ކޮށްދޭން އޮތް ކަމެއްވިއްޔާ މިގޮތުގައި ކުރިއަށްގެންދާނެ، ކަންކަން ފެށި ނިމި ސޮއިކުރެވި، ކޮންމެ ރަށެއްގައިވެސް ފެނިގެންދާނެ، ކަންކަން ހިނގަމުންދާ ތަން ނިމެމުންދާތަން، އާ މަޝްރޫޢުތައް ފެށޭތަން” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގުޅީގެ ހިއްކި ބިމަކީ ތަރައްޤީގެ ގިނަ ކަންކަން ފެށުމަށް އެޅިގެންދާނެ މުހިއްމު ފިޔަވަޅެއްކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ގޮތަށް ލޭންޑް ޔޫސްޕްލޭން އެކުލަވާލެވި، ތަރައްޤީގެ ކަންކަން ކުރިއަށް ގެންދެވޭނެކަމަށެވެ. ރައީސް ވަނީ ރައްޔިތުންނަށް ބޭނުންވާ ކަންކަން އެ ބިމުގައި ކުރުމަށް އެއްބާރުލުންދީ މަގުފަހިކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. ބޯހިޔާވަހިކާމާއި އިތުރު މަޝަރޫތައްވެސް ކުރިއަށްގެންދަންވެސް ސަރުކާރުން ދޭންޖެހޭ އެއްބާރުލުން ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
“އެއީ ގޯތި ގެދޮރު ބިނާކުުރުމަށްޓަކައި ހައުސިން މަޝްރޫޢުތައް ހިންގައިދިނުން ކަމުގައި ވިޔަސް، އިޖުތިމާޢީ އުމްރާނީ ތަރައްޤީއަށް ބޭނުންވާ ކަންކަމަށް އިސްކަންދީގެން ކަމުގައިވިޔަސް ސަރުކާރުން އޮންނާނީ ރައްޔިތުންނާއެކު ދާން ބޭނުންވާ މިސްރާބަށް ދިއުމުގައި ފުރިހަމައަށް އެއްބާރުލުންދީގެން.” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ބަނދަރު ބޮޑުކުުރުމުގެ މަޝްރޫޢުއަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ އެމަޝްރޫޢުވެސް ބާރު ދުވެލީގައި ކުރިއަށްގެންދަވާނެކަމަށެވެ. މިހާރުވެސް އެ މަޝްރޫޢު ކުރިއަށްގެންދިޔުމަށް ބޭނުންވާ ސާމާނު ރަށުގައި ހުރިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ކާމިޔާބުކަމާއެކު އަމަލީގޮތުން ފަށާ ނިންމާނެ މަޝްރޫއަކަށް ވާނެކަމަށެވެ. އަދި މިހާރުވެސް ހިނގަމުންދާ އިތުރު މަޝްރޫޢުތައް ނިންމުމަށް އިސްކަންދެއްވާކަމަށާއި އެއީ ސަރުކާރުން އެންމެ ބޮޑަށް އިސްކަންދޭ ކަންތައްކަމަށް ރައީސް ވިދާޅުވިއެވެ.



