މުޅި ރާއްޖޭގައި ފުލުހުން މިއަދު ހިންގަން ފެށި ބޮޑު ޑްރަގު އޮޕަރޭޝަންގައި މިހާތަނަށް 90އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) އިސްމާއިލް ނަވީން ވިދާޅުވެއްޖެ އެވެ.
މި އޮޕަރޭޝަން ފެށިކަން މިއަދު ހެނދުނު އިއުލާނު ކުރެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ. ‘އޮޕަރޭޝަން އަލިމަގު’ ގެ ނަމުގައި ކުރިއަށް ގެންދާ މި އޮޕަރޭޝަންގައި، ރާއްޖޭގެ ފަސް ސަރަހައްދަކަށް ބަހާލައިގެން ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކުން 500އަށް ވުރެ ގިނަ އޮފިސަރުން ދަނީ ހަރަކާތްތެރިވަމުންނެވެ. ރައީސް ވިދާޅުވީ މިއީ އެ މަނިކުފާނުގެ އެންގެވުމުގެ މަތިން ކުރިއަށްދާ އޮޕަރޭޝަނެއް ކަމަށެވެ.
މި އޮޕަރޭޝަނާ ގުޅޭ ފަހުގެ ތަފްސީލު ހާމަކުރެއްވުމަށް މިއަދު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ސީޕީ ނަވީން ވިދާޅުވީ، ހައްޔަރުކުރި މީހުންގެ އަދަދު އަދިވެސް އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި މި އޮޕަރޭޝަން ކުރިއަށް އޮތްތަނުގައި ވެސް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށެވެ.
ސީޕީ އިތުރަށް ވިދާޅުވީ، މި އޮޕަރޭޝަންގައި 100އަށް ވުރެ ގިނަ ތަންތަން ބަލައި ފާސްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިހާތަނަށް ބަލައި ފާސްކުރި ތަންތަނުން، މަސްތުވާތަކެއްޗާއި ފައިސާ އާއި އެ ވިޔަފާރީގައި ބޭނުންކުރާ އެކި އާލާތްތައް އަދި އެ ނޫން ވެސް ކުށްކުރުމަށް ބޭނުންކުރާ ބައެއް ތަކެތި ހޯދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
“މި އޮޕަރޭޝަންގައި 100އަށް ވުރެ ގިނަ ތަންތަން ބަލައި ފާސްކުރުމަށް ހަމަޖެހިފައިވޭ. މިހާރު ލައިވް އަޕްޑޭޓްގައި އެރެސްޓް އަޕްޑޭޓަކީ [ހައްޔަރު ކުރި މީހުންގެ އަދަދަކީ] 90. އަދި އިތުރު މީހުން ވެސް ހައްޔަރުވުމަކީ އެކަށީގެންވާ ކަމެއް.” ސީޕީ ވިދާޅުވިއެވެ.
މިފަދަ ބޮޑު އޮޕަރޭޝަނެއް ޑްރަގާ ދެކޮޅަށް މުޅި ރާއްޖޭގައި ފެށި މިއީ ފުރަތަމަ ފަހަރު ކަން ފާހަގަކުރައްވައި ނަވީން ވިދާޅުވީ، މިއަދު އޮޕަރޭޝަން ހިންގަމުން ދަނީ ޑްރަގް ވިޔަފާރީގެ އެންމެ ބޮޑެތި މީހުން ތިބި ރަށްތަކުގައި ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މި އޮޕަރޭޝަން އެހެން ރަށްތަކުގައި ވެސް ހިންގާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.



