ދަރިމައިވުމުގައި ދަތިތައް ހުންނަ ފަރާތްތަކަށް އެންސްޕާގެ ފާޓިލިޓީ ކެއާ ޓްރަސްޓް ފަންޑް މެދުވެރިކޮށް 93 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައވާކަން ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ނެރުނު ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
އެންސްޕާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ފާޓިލިޓީ ކެއާ ޓްރަސްޓް ފަންޑަށް، މިދިޔަ އަހަރާއި މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ޖުމްލަ 7.13 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު އެކަނިވެސް މި ފަންޑުން 4.78 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
މި ދެ އަހަރުގެ ތެރޭގައި އެންސްޕާގެ ފާޓިލިޓީ ކެއާ ޓްރަސްޓް ފަންޑް މެދުވެރިކޮށް 93 މީހަކަށް އައިވީއެފް ހެދުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، މި ފަރުވާ ކާމިޔާބުކުރެވިފައިވަނީ އޭގެ ތެރެއިން 23 މީހުންނަށް ކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ދަރިމައިވުމުގެ މައްސަލަތައް ހުންނަ ގިނަ ދިވެހީންނަށް، ބޮޑެތި ޚަރަދުތަކާއެކު އައިވީއެފްގެ ފަރުވާ އާންމުކޮށް ރާއްޖެއިން ބޭރުން ހޯދަން ޖެހެއެވެ. އެހެންކަމުން، ދަރިމައިވުމުގައި ދަތިތައް ހުންނަ ފަރާތްތަކަށް އާސަންދަ މެދުވެރިކޮށް އައިވީއެފްގެ ޚިދުމަތް ލިބޭނެގޮތް ހަމަޖައްސައިދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މިވަގުތު ރާއްޖެއިން އައިވީއެފްގެ ޚިދުމަތް ފޯރުކޮށްދެނީ ޓްރީޓޮޕް ހޮސްޕިޓަލާއި އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުންނެވެ.



