ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ މުއައްސަސާގެ މުވައްޒަފުންގެ ކިބައިގައި އެބަހުރިކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ. ކޮމިޝަނަރ މިފަދައިން ވިދާޅުވީ ރ. އިންނަމާދޫ ޕޮލިސް ޕޯސްޓު ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
“އަޅުގަނޑުމެންގެ ޒިންމާއަކީ ހަމައެކަނި ގާނޫނު ތަންފީޒުކުރުމެއްނޫން. އޭގެ ތެރޭގައި މުޖުތަމައާ ގުޅުންބަދަހިކުރުން ހިމެނޭ. އަދި ދިވެހި ފުލުހުންގެ ހިދުމަތަކީ ތަހުޒީބުވެފައިވާ މުޖުތަމައަކަށް ހިދުމަތްކުރުމަށް ތަމްރީނުވެ، ތައްޔާރުވެ ފައްކާވަމުންދާ ހިދުމަތެއް. ޒަމާނީ ބަދަލުތަކަށް ތަމްރީނުހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ މުއައްސަސާގެ މުވައްޒަފުންގެ ކިބައިގައި އެބަހުރި” ކޮމިޝަނަރ ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އިތުރަށް ވިދާޅުވީ މިއީ ދިވެހި ފުލުހުންގެ ޚިދުމަތުގައި ރަންއަކުރުން ފަވައިލެވޭނެ ތާރީހީ ރެއެއް ކަމަށާއި 2004 ވަނަ އަހަރުން ފެށިގެން ފުލުހުންގެ ހިދުމަތް ވަކި މުއައްސަސާއެއްގެ ގޮތުގައި ކަނޑައެޅި އޭގެ 21 އަހަރު ފަހުން، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ރައްޔިތުންނާ ގާތުން ދިނުމަށް، މީހުން ދިރިއުޅޭ 187 ރަށުގައި ފުލުހުންގެ ހިދުމަތް ގާއިމުކޮށް އިންނަމާދޫގައި ޕޮލިސް ސްޓޭޝަން ހުޅުވުމަކީ ލިބިގެންދިޔަ އުފާވެރިކަމެއް ކަމަށެވެ. އަދި މި ކާމިޔާބީއަކީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ފުލުހުންގެ ހިދުމަތް ހަރުދަނާކޮށްދެއްވައި ފުލުހުންގެ ހިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތް ފުރިހަމަކޮށްދެއްވުމަށް ކޮށްދެއްވާ މަސައްކަތްފުޅުގެ ނަތީޖާކަމަށް ވިދާޅުވިއެވެ. އަދި 2004 ވަނަ އަހަރު، މި ހިދުމަތަކީ މަދަނީ ހިދުމަތަކަށް ބަދަލުވެ ފުލުހުންނާ ރައްޔިތުންނާ ގާތުން ގުޅިގެން ހިދުމަތް ދިނުމަށް ދެކެމުންދިޔަ ހުވަފެން ހަގީގަތަކަށް ހައްދަވައިދެއްވި ކަމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާއަށް ފުލުހުންގެ ނަމުގައި ޝުކުރު އަދާކުރެއްވިއެވެ.



