ހޮނިހިރު ދުވަހު ވެހުނު ބޯ ވާރެއާ ގުޅިގެން ޚާން ޔޫނިސްގައި ހިމާޔަތް ހޯދައިގެން ތިބި ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ އެތައް ޓެންޓަކަށް ފެންވަދެ، އަލް-މަވާސީ ސަރަހައްދުގައި ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވެއްޖެއެވެ. މި ހާދިސާތައްް ކުރިމަތި ވި ސަރަހައްދުތަކަށް ފަލަސްތީީނުގެ ސިވިލް ޑިފެންސް ޓީމުތަކުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ޣައްޒާގެ ސިވިލް ޑިފެންސްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޚާން ޔޫނިސްގެ ހުޅަނގު ފަރާތު އަލް-މަވާސީގެ އެކި ސަރަހައްދުތަކުގައި ހުރި ރެފިއުޖީ ކޭމްޕުތަކުގެ ޓެންޓުތަކަށް ވާރޭފެން ވަދެ ފެންބޮޑުވުމުގެ ހާލަތު ކުރިމަތިވުމާ ގުޅިގެން އެ ޓީމުތަކުން އެހީތެރިކަން ފޯރުކޮށްދީފައި ކަމަށެވެ. ހުކުރު ދުވަހުގެ ފަތިހު ފެށިގެން، ގަދަ ވަޔާއި އަދި ބޯ ވާރޭއާއެކު ލޯ ޕްރެޝަރ ސިސްޓަމެއްގެ ދަށުގައި ޣައްޒާ ސްޓްރިޕް އޮތުމުގެ ސަބަބުން، ހަނގުރާމައިގެ ސަބަބުން ގެދޮރު ދޫކޮށްފައިވާ 1.5 މިލިއަން މީހުންގެ ތަކުލީފުތައް ވަނީ އިތުރުވެފައެވެ.
ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުގެ އަންދާޒާތަކަށް ބަލާއިރު، ޖުމްލަ 135,000 ޓެންޓުގެ ތެރެއިން 125,000 ޓެންޓު (93 އިންސައްތަ) ވަނީ މޫސުމީ ކަންތައްތަކާއި އިސްރާއީލުގެ ބޮންއެޅުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ސަބަބުން ދިރިއުޅުމަށް އެކަށީގެން ނުވާ ހާލަތަށް ގޮސްފައެވެ. ފަލަސްތީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އ.ދ.ގެ އެޖެންސީ (ޔޫ.އެން.އާރް.ޑަބްލިއު.އޭ) އިން ވަނީ ހޮނިހިރު ދުވަހު ޣައްޒާއަށް ހިޔާދޭނެ ތަކެތި ވަނުމަށް ހުއްދަ ދިނުމަށް ގޮވާލާފައެވެ. ޔޫ.އެން.އާރް.ޑަބްލިއު.އޭ އެކްސްގައި ބުނެފައި ވަނީ، ޣައްޒާއަށް މިހާރު ފިނި މޫސުން އައިސްފަައިވާ ކަމަށާއި، ޣައްޒާގައި ވާރޭވެހުމުގެ ސަބަބުން ހާލަތު އިތުރަށް ގޯސްވެފައިވާ ކަމަށެވެ.
އ.ދ.ގެ އެޖެންސީން ވަނީ ޣައްޒާގެ ރައްޔިތުންނަށް ފިނި މޫސުމުން ސަލާމަތްވުމަށްޓަކައި އެންމެ އަވަހަށް ބޭނުންވާ ހިޔާދޭނެ ތަކެތި އެ އެޖެންސީގެ އަތުގައި ހުރިކަން ތަކުރާރުކޮށް ބުނެފައެވެ. ނަމަވެސް، އިސްރާއީލުން ދަނީ ޓެންޓުފަދަ ހިޔާދޭނެ ތަކެއްޗާއި މޯބައިލް ހޯމްސް ޣައްޒާއަށް ވަނުމަށް ހުރަސް އަޅަމުންނެވެ. މިކަމަކީ އޮކްޓޯބަރު 10 ގައި ބާރުލިބުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން އިސްރާއީލުގެ މައްޗަށް ލާޒިމުވާ ޒިންމާތަކާ ޚިލާފު ކަމެކެވެ. އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ 20 ނުކުތާގެ ޕްލޭނަށް ބިނާކޮށް، އިސްރާއީލުގެ ރަހީނުން ދޫކުރުމުގެ ބަދަލުގައި ފަލަސްތީނުގެ ގައިދީން ދޫކުރުން ހިމެނެއެވެ. އަދި މި ޕްލޭނުގައި ޣައްޒާ އަލުން ބިނާކުރުމާއި ޙަމާސް ނުހިމެނޭ ގޮތަށް އާ ވެރިކަމުގެ ނިޒާމެއް ގާއިމުކުރުން ވެސް ހިމެނެއެވެ.
އިސްރާއީލުން ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި 69,000 އަށް ވުރެ ގިނަ މީހުން (ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން) ޤަތުލުކޮށް، އެ ސަރަހައްދު ބިމާ ހަމަކޮށްލާފައެވެ.



