ޒެމްބިއާ އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީޒް 2025ގެ ޑަބަލްސް އިވެންޓުގައި ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ނަބާހާ ޢަބްދުއްރައްޒާޤު ހުސައިން އަދި ޒަޔާން ޝަހީދު ޒަކީއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
މި ކާމިޔާބީއާއެކު، ނަބާހާ އާއި ޒަޔާންގެ ޕެއަރއިން ބީޑަބްލިއުއެފްގެ މުބާރާތަކުން ހޯދި ރަން މެޑަލްގެ އަދަދު ދެއަކަށް ވަނީ އަރާފައެވެ. މިއީ ބީޑަބްލިއުއެފްގެ ސީރީޒް މުބާރާތަކުން ރާއްޖޭގެ އެތުލެޓުން ހޯދި ފަސްވަނަ ރަން މެޑަލްކަން ފާހަގަކޮށްލެވެއެވެ.
ނަބާހާ އާއި ޒަޔާން ހޯދި ކާމިޔާބީއާ ގުޅިގެން ރައީސް ވަނީ މިޝަރަފުވެރި ކާމިޔާބީތައް ރާއްޖެއަށް ހޯދައިދިން ހުނަރުވެރި ދެ އެތުލީޓުންނަށް ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވެފައެވެ. ކުރިއަށް ދިޔައީ ޒެމްބިއާގެ ވެރިރަށް ލޫސަކާގައެވެ.
މި މުބާރާތުގެ މިކްސްޑް ޑަބަލްސް ފައިނަލުގައި ނަބާހާ އާއި ޒަޔާންގެ ޕެއަރ ވާދަކުރީ މިސްރުގެ އިއްޒަތު ކަރީމް މަހްމޫދާއި ނޫރު އަހްމަދު ޔޫސްރީގެ ޕެއާއާ ދެކޮޅަށެވެ. މިމެޗު ރާއްޖޭގެ އެތުލީޓުން ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. މިމެޗުގެ ސެޓްތައް ރާއްޖޭގެ ޕެއަރއިން ނެގީ 21-18 އަދި 22-20 ގެ ނަތީޖާއަކުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މިއީ ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް) ގެ މުބާރާތަކުން ނަބާހާ އާއި ޒަޔާންގެ ޕެއާއިން ހޯދި ދެވަނަ ރަން މެޑަލްކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، ޒެމްބިއާ މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓުން ނަބާހާ އާއި ނަބީހާ ޢަބްދުއްރައްޒާޤުގެ ޕެއާއިން ވަނީ ރިހި މެޑަލްވެސް ހޯދާފައެވެ. މި އިވެންޓުގެ ފައިނަލުގައި ރާއްޖޭގެ ޕެއަރއާ ދެކޮޅަށް ނުކުތީ ދެކުނު އެފްރިކާގެ ދެވަނަ އަށް ސީޑްކޮށްފައިވާ އެތުލީޓުންކަމަށްވާ އޭމީ އާކަމަން އާއި ޖޯހަނީޓާ ޝޯޓްޒްއެވެ. މިމެޗު އިދިކޮޅު ޓީމުން ކާމިޔާބުކުރީ ސީދާ ދެ ސެޓުން، 21-16 އަދި 21-14 ގެ ތަފާތަކުންނެވެ.
މި މުބާރާތް ކުރިއަށް ދިޔައީ ޒެމްބިއާގެ ވެރިރަށް ލޫސަކާގައެވެ.



