ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާޅޭގައި ގާއިމުކޮށްފައިވާ ‘ވިނަރެސް’ ޓަވަރުތަކުގެ ތެރޭގައި ހިމެނޭ 94 ކާރު ޕާކިންގ ޖާގަ ބީލަމުގެ އުސޫލުން ވިއްކުމަށް ހުޅުވާލައިފިއެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައިވާ ގޮތުން، މީގެ ކުރިން ނަންބަރު: 1-1) HDC(161)-SPM/IU/2024/268 (2024) ގެ ދަށުން ވިނަރެސް ޓަވަރުތަކުގެ ކާރު ޕާކިންގ ޖާގަތައް ކުއްޔަށް ދޫކުރުމަށް ކޮށްފައިވާ އިއުލާން ވަނީ ބާތިލްކޮށްފައެވެ. އަދި އުސޫލުތައް މުރާޖަޢާކުރުމަށްފަހު، މިހާރު ވަނީ ވިނަރެސް ޓަވަރުތަކުގެ ތެރޭގައި ގާއިމުކުރެވިފައިވާ ޖުމްލަ 94 ކާރު ޕާކިންގ ޖާގަ ބީލަމުގެ އުސޫލުން ގަތުމަށް ހުޅުވާލާފައެވެ.
ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު 20 ވާ ބުރާސްފަތި ދުވަހުގެ 8:30 އިން ފެށިގެން ޑިސެމްބަރު 4 ވާ ބުރާސްފަތި ދުވަހުގެ 15:30 ނިޔަލަށެވެ. ފޯމު ހުށަހެޅުމަށް އެދިފައިވަނީ residential@hdc-mv އީމެއިލް މެދުވެރިކޮށެވެ. ފޯމުގައިވާ މަޢުލޫމާތާއި ލިޔެކިއުންތައް ބަލައި، ޝަރުތު ހަމަވާ ފަރާތްތަކަށް ބީލަން ފޯމު ދޫކުރުން އޮންނާނީ ޑިސެމްބަރު 16 ވާ ބުރާސްފަތި ދުވަހުން ފެށިގެން ޑިސެމްބަރު 18 ވާ ބުރާސްފަތި ދުވަހުގެ 15:30 ނިޔަލަށް އެޗްޑީސީގެ ރިސެޕްޝަނުންނެވެ.
ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ޑިސެމްބަރު 22 ވާ ހޯމަ ދުވަހުގެ 09:00 އިން 12:00 އަށެވެ. ބީލަން ހުޅުވުން އޮންނާނީ އެދުވަހުގެ 13:00 އިން 15:00 އަށެވެ. ނަމަވެސް ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ތަނުގެ މައުލޫމާތު ފަހުގެ ތާރީޚެއްގައި އިޢުލާންކުރެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން އިތުރަށް ބުނެފައިވަނީ، ވިނަރެސް ޓަވަރުތަކުގެ އިމާރާތުގެ ބޭރުން ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކާރު ޕާކިންގ ޖާގަތައް ފަހުގެ ތާރީޚެއްގައި އިޢުލާންކުރެވޭނެ ކަމަށެވެ. ބީލަމާ ގުޅޭ އިތުރު މައުލޫމާތު އެޗްޑީސީގެ ވެބްސައިޓް https://www.hdc.mv ގައި ޝާއިޢުކުރެވިފައިވާ މައުލޫމާތު ކަރުދާހުގައި ހިމެނިފައިވާއިރު، އިތުރު މައުލޫމާތު ސާފުކުރުމަށް 1516 އަށް ގުޅުއްވުމަށް އެދިފައިވެއެވެ.



