އަންނަ އަހަރުން ފެށިގެން ރާއްޖޭގައި ނަފްސާނީ ހުރިހާ ފަރުވާއަކަށް އާސަންދައި ލިބޭނެ އިންތިޒާމު ހަމަޖައްސާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފިއެވެ.
ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ނަފުސާނީ ބައްޔަކީ މިހާރު ވަރަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށާއި ނަމަވެސް އެކަމަށް ކުރާ ފަރުވާތަކަށް މިއަދާ ހަމައަށް ވެސް އާސަންދަ ނުލިބޭ ކަމަށެވެ. އެކަމަކު، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ނަފުސާނީ ބަލީގެ ހުރިހާ ފަރުވާއަކަށް އާސަންދަ ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
“މިއަދާ ހަމައަށް ވެސް ނަފުސާނީ ބައްޔަށް ކުރާ ހަރަދު އާސަންދަ އިން އެއްކޮށް ކަވާއެއް ނުވޭ. އަޅުގަނޑުމެން އެންމެން ހައިރާންވެފައި މި ތިބީ އެކަމުގައި. އެކަން ނިމުމަކަށް ގެނެސް އެކެއް ޖެނުއަރީން ފެށިގެން ނަފްސާނީ ބައްޔަށް ކުރާ ހުރިހާ ހަރަދެއް އާސަންދައިން ކަވާ ވާނެ،” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ނަފުސާނީ ބަލީގެ ފަރުވާއަށް އާސަންދައިގެ ކަވަރޭޖް ނުލިބޭ މައްސަލަ ނިމުމަކަށް ގެނެވޭނެ ކަމަށެވެ.
ސިއްހީ ދާއިރާގެ ތަރައްގީއަށް ސަރުކާރުން ދެއްވާ އިސްކަން ފާހަގަ ކުރައްވައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ، އަންނަ އަހަރު ވަރަށް މަދު ކަމެއްގައި ނޫނީ ރާއްޖެ އިން ބޭރަށް ދާން ނުޖެހޭ ގޮތަށް ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ސިއްހީ ދާއިރާގެ މަޝްރޫއުތަކަށް އަންނަ އަހަރު 500 މިލިއަން ރުފިޔާ، ހަރަކާތްތަކަށް 331 މިލިއަން ރުފިޔާއާއެކު ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖުމްލަ 831 މިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އާންމު ސިއްހަތު ރައްކާތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އެންމެ މުހިންމު ކަމަކީ ހޮސްޕިޓަލްތައް ބިނާ ކުރުމަށް ކުރާ މަސައްކަތްކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.



