ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އައު އިންޓަރނޭޝަނަލް ޕަސެންޖަރ ޓަރމިނަލަށް އިތުރު ތިން އެއަރލައިނެއްގެ ޚިދުމަތް ބަދަލުކޮށްފައިވާ ކަމަށް އެމްއޭސީއެލްއިން ބުނެފިއެވެ. މި ބަދަލާއެކު، އައު ޓަރމިނަލުން ޚިދުމަތް ދޭން ފެށި އެއަރލައިންތަކުގެ ޖުމްލަ އަދަދު ވަނީ 25 އަށް އަރާފައެވެ.
އައު ޓަރމިނަލަށް އެންމެ ފަހުން ޚިދުމަތް ބަދަލުކުރި އެއަރލައިންތަކުގެ ތެރޭގައި ހިމެނެނީ ލޯ-ކޯސްޓް ދެ އެއާލައިން ކަމަށްވާ، އެއަރއޭޝިއާ މެލޭޝިޔާ އަދި ތައި އެއަރއޭޝިއާއެވެ. މި ދެ އެއަރލައިނަށް އައު ޓަރމިނަލުން ޚިދުމަތް ދޭން ފަށާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. މީގެ އިތުރުން، އޮސްޓްރިއާގެ ޤައުމީ އެއަރލައިން ކަމަށްވާ އޮސްޓްރިއަން އެއަރލައިންސްއަށް ވަނީ މިމަހުގެ 15 ވަނަ ދުވަހު އައު ޓަރމިނަލުން ޚިދުމަތް ދޭން ފަށާފައެވެ.
މި ތިން އެއަރލައިނަށްވެސް އައު ޓަރމިނަލުން ޚިދުމަތް ދޭން ފެށުން ފާހަގަކުރުމުގެ ގޮތުން ވީއައިއޭގައި ވަނީ ޚާއްސަ ހަފްލާތައް ބާއްވާ، އެ އެއަރލައިންތަކުން ރާއްޖެއައި ފަސިންޖަރުންނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ މި އައު ޓަރމިނަލުގެ ޑިޕާޗަރ ހޯލުގައި 47 ޗެކިން ކައުންޓަރު ހުރެއެވެ. މީގެ އިތުރުން، އަމިއްލައަށް ޗެކިން ކުރެވޭ 6 ސެލްފް ސާވިސް ޗެކިން ކިއޮސްކް ވަނީ ބަހައްޓާފައެވެ. މިއީ އައު ޓަރމިނަލާއެކު މުޅިން އަލަށް ރާއްޖެއަށް ތަޢާރަފްކުރެވޭ ޚިދުމަތެކެވެ. އަދި ސީޕްލޭންއަށް ޚާއްސަކޮށް 24 ޗެކިން ކައުންޓަރވެސް ވަނީ ޤާއިމްކޮށްފައެވެ.



