ސަރުކާރުން ފެށި ބައިނަލްއަޤްވާމީ ބަންކަރިން ޚިދުމަތުން މިހާތަނަށް ރާއްޖެއަށް 80 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސަޢީދު ވިދާޅުވީ، މިއީ މީގެ ކުރިން ރާއްޖެއަށް ލިބެމުން ނުދާ އައު އާމްދަނީއެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި މި ޢަދަދު އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އިހަވަންދިއްޕޮޅުގައި ތަރައްޤީކުރަން ރާވާފައިވާ ޚާއްޞަ ބަނދަރު ހެދުމުގެ ކުރިންވެސް މިފަދަ ޢާމްދަނީއެއް ލިބުމަކީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ޕްލޭނަކީ އިހަވަންދިއްޕޮޅުގައި ބޮޑު ބަނދަރެއް ޤާއިމުކޮށް، އުޅަނދުފަހަރުން އުޅަނދުފަހަރަށް މުދާ ބަދަލުކުރުމާއި (ޝިޕް ޓު ޝިޕް ޓްރާންސްފަރ)، ފަޅުވެރިން ބަދަލުކުރުމާއި، ފެން ފޯރުކޮށްދިނުމާއި، އުޅަނދުފަހަރު މަރާމާތުކުރުމުގެ އިތުރުން ސަޕްލައި ފޯރުކޮށްދިނުމުގެ ޚިދުމަތްތައް ތަޢާރަފުކުރުމެވެ.
އަހަރަކު 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ކުރިން ލަފާކުރެވުނު މިންވަރާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެއީ ޕާޓީގެ ފަރާތުން ހުށަހެޅި ޓާގެޓެއް ކަމަށެވެ. އަދި މި ޚިދުމަތުން ސީދާ 400 މިލިއަން ޑޮލަރު ލިބޭނެ ކަމުގެ ޔަޤީންކަން ސަރުކާރުން ދުވަހަކުވެސް ދީފައި ނުވާނެ ކަމަށް އެމަނިކުފާނު ސާފުކޮށްދެއްވިއެވެ.
ފަތުރުވެރިކަމުގެ އިތުރުން ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، އާމްދަނީ ލިބޭނެ އައު ދޮރުތައް ހުޅުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ބައިނަލްއަޤްވާމީ ބަންކަރިން ޚިދުމަތް ރަސްމީކޮށް އިފްތިތާޙު ކުރީ 19 ސެޕްޓެމްބަރު 2024 ގައެވެ.
މި ޚިދުމަތް ދެމުންދަނީ އެސްޓީއޯ، އެމްޕީއެލް އަދި ބައިނަލްއަޤްވާމީ ތެޔޮ ކުންފުންޏެއް ކަމަށްވާ ވިޓޯލް ގްރޫޕް ގުޅިގެންނެވެ.



