ރާއްޖޭގެ ބޯޑަރު ކޮންޓްރޯލް ކުރާ ކައުންޓަރުތަކުގެ ކިއޫތައް ކުޑަކުރުމަށްޓަކައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި އަންނަ އަހަރުގެ ކުރިން އީ-ގޭޓު ބޭނުންކުރަން ފަށާނެކަން ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ އިއުލާނުކުރައްވައިފިއެވެ.
ރައީސް ޑރ. މުއިއްޒު، “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވީއައިއޭ ބޭނުން ކުރާ ދިވެހިންނާއި ފަތުރުވެރިން ބޯޑާ ކޮންޓްރޯލް ކައުންޓަރުތަކުގައި ގިނައިރު ވަންދެން ކިއުގައި ހޭދަކުރަން ޖެހުން ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ފީޗާތައް ހިމެނޭ އީ-ގޭޓްތައް އެ އެއާޕޯޓުގެ އާ ޓާމިނަލުގައި ހަރުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަންނަ ޖެނުއަރީ 1 ގެ ކުރިން އެރައިވަލް އަދި ޑިޕާޗާ ހިމެނޭ ގޮތަށް ކޮންމެ ޓާމިނަލެއްގައި 10 ގޭޓް (ޖުމްލަ 20 ގޭޓް) ހަރުކޮށް ބޭނުން ކުރަން ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ އެހެނިހެން އިންޓަނޭޝަނަލް އެއާޕޯޓުތަކުގައި ވެސް އަންނަ އަހަރު މިފަދަ އީގޭޓުތައް ހަރު ކުރެވި ބޭނުން ކުރަން ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ގޭޓުތަކުން އެއްފަހަރު ޕާސްޕޯޓު ސްކޭން ކުރުމަށްފަހު، ދެން ބޯޑަރު ހުރަސްކުރާއިރު އޮތޮރައިޒް ކުރެވޭނީ ފޭޝަލް ރެކޮގްނިޝަންގެ ޒަރިއްޔާއިންނެވެ.
ޒަމާނީ ގިނަ ޚިދުމަތްތަކާއެކު ވެލާނަރ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވީ މިއަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުގައެވެ.



