މާލޭގެ މާފަންނު ސަރަހައްދުގައި ހުރި ގެއެއްގެ ތެރޭގައި 18 އަހަރުގެ އަންހެން ކުއްޖަކު ހުއްދަ ނޫން ގޮތަކަށް ގަދަކަމުން ހިފަހައްޓައި ޖިސްމާނީ އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުކުރި މީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ނޮވެމްބަރު 18 ވަނަ ދުވަހު 18:11 ހާއިރު ކަމަށް ފުލުހުންގެ ހިދުމަތުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މާލެ، ހެންވޭރު ފޯ ސީޒަން، އަހުމަދު އަހިލް މުނާޒް (19އ) އެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ނޮވެމްބަރު 18 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައިކަމަށް ފުލުހުން ބުނެއެވެ.
އަހިލް މުނާޒް ބަންދުގައި ބެހެއްޓުމާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



