ވިލިމާލޭގައި އަލަށް ތަރައްޤީކުރާ ހޮސްޕިޓަލުގެ މަސައްކަތް ފެށުމަށްޓަކައި، މިހާރުގެ ހޮސްޕިޓަލުން ދެމުންދާ ޚިދުމަތްތައް ވަގުތީ ޢިމާރާތަކަށް ބަދަލުކުރުމުގެ ތައްޔާރީތައް ފަށާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރޭ ވިލިމާލެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ވިލިމާލެއަށް ވީ އެންމެ ބޮޑު ވައުދަކީ ހޮސްޕިޓަލް އެޅުން ކަމަށާއި، މިހާރު ހުރިހާ ކަމެއް ހަމަޖެހި، މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް ވިދާޅުވެފައެވެ. ވިލިމާލޭގައި އަލަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 100 އެނދުގެ ހޮސްޕިޓަލެކެވެ.
މި ސަރުކާރުން ނިންމާފައިވަނީ މިހާރު ޚިދުމަތް ދެމުންދާ ވިލިމާލޭ ހޮސްޕިޓަލް ތަޅާލުމަށްފަހު، އެތަނުގައި ޒަމާނީ ފެންވަރުގެ އައު ހޮސްޕިޓަލް ޤާއިމުކުރުމަށެވެ. މި ބޮޑު މަޝްރޫޢު ކުރިއަށްގެންދާނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ. ހޮސްޕިޓަލުގެ ޢިމާރާތް ކުރުމާއި، އެތަނަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކުރުމުގެ ހުރިހާ މަސައްކަތެއްވެސް ކުރިއަށްގެންދާނީ ޗައިނާ ސަރުކާރުން ކަމަށް ސަރުކާރުން ހާމަކުރައްވައެވެ.
ވިލިމާލެ ހޮސްޕިޓަލް އަލުން ތަރައްޤީކުރުމަށްޓަކައި އެ ހޮސްޕިޓަލްގެ ޚިދުމަތް ވަގުތީ ގޮތުން ބަދަލުކުރުމަށް ނިންމާފައިވަނީ ކުރިން ކުޑަކުދިންގެ ހިޔާ ހިންގި ޢިމާރާތަށެވެ.



