ކުޑަކުދިންނަށް ދިނުމަށް ބޭނުންކުރާ ފޯމިއުލާއަކުން، ބައްޔެއް ފަތުރާ ޖަރާސީމެއް ފެނިފައިވާތީ އެ ވިއްކުން ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފި އެވެ.
އެމްއެފްޑީއޭ އިން ބުނީ ތަޣައްޔަރުވެފައިވަނީ އެމެރިކާގައި އުފައްދާފައިވާ އިންފެންޓް ފޯމިއުލާއެއް ކަމަށްވާ ބައިހާޓް ހޯލް ނިއުޓްރިޝަން އިންފެންޓް ފޯމިއުލާއެވެ. އެ ތަޣައްޔަރުވެފައިވަނީ “ކުލޮސްޓްރިޑިއަމް ބޮޓުލިނަމް” ނަަމަކަށް ކިޔާ ޖަރާސިމަކުން ކަމަށް އެ އިދާރާއިން ބުންޏެވެ.
އެމްއެފްޑީއޭ އިން ބުނި ގޮތުގައި އެ ފޯމިއުލާ އިން ޖަރާސީމު ފެނިފައިވުމުގެ ސަބަބުން ބާޒާރުން ނެގުމަށާއި ނުވިއްކުމަށް އަދި ނައްތާލުމަށް އެމެރިކާގެ އެފްޑީއޭ އިން އަންގާފައިވާ ކަމުގެ މައުލޫމާތު ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީސް ނެޓްވޯކް މެދުވެރިކޮށް ވަނީ ލިބިފަ އެވެ.
މި އުފެއްދުމުގައި ހިމެނޭ ޖަރާސީމަކީ ‘ބޮޓުލިޒަމް’ ކިޔާ ބައްޔެއް ފަތުރާ ޖަރާސީމެއް ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ. އެއީ ހަށިގަނޑުގެ ނާރުތަކަށް ހަމަލާދީ ނޭވާލާން އުނދަގޫވެ، މަސްތައް ޕެރެލައިޒްވާ ވިހަ މާއްދާއެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ.
އެހެންވެ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ބްރޭންޑުގެ ހުރިހާ ބެޗެއް ވެސް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމަކީ މަނާކަމެއް ކަމަށް އެ އޮތޯރިޓީން ބުންޏެވެެ.



