ކޮންމެ އަންހެނަކާއި އަންހެން ކުއްޖެއް ހުރިހާ ބާވަތެއްގެ އަނިޔާއިން ރައްކާތެރި ކުރުމަކީ ސަރުކާރުން އިސްކަންދޭ ކަމެއް ކަމަށާއި އެގޮތުން ހުރިހާ އެންމެންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ މުޖުތަމަޢެއް ބިނާކުރަންޖެހޭ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، އަންހެނުންނަށް ކުރާ އަނިޔާ ނައްތާލުމުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ، އަންހެނުންނާއި އަންހެން ކުދިންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ މުޖުތަމަޢެއް ބިނާކުރުމަކީ، މި ސަރުކާރުގެ ޒިންމާއެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
ރައީސްގެ ޕޯސްޓްގައި ޓެކްނޮލޮޖީގެ ސަބަބުން ދިރިއުޅުން ދުވަހެއް ދުވަހަކަށް ގުޅިލާމެހިގެންދާއިރު، އޮންލައިންކޮށް ބިރު ދެއްކުމާއި، ނާޖާއިޒު ފައިދާ ނެގުމުގެ ނުރައްކާތައް އިތުރުވަމުންދާ ކަން ފާހަގަކުރައްވާ އަދި ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާއިއެކު އަންހެނުންނާއި އަންހެން ކުދިން ބާރުވެރިކޮށް، ކުރިއަރުވައި ސަލާމަތްކަން ލިބިގެންވާ މާޙައުލެއް ޤާއިމް ކޮށްދޭންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
އެއިރުން އޭގެ ހެޔޮ އަސަރު މުޖުތަމަޢުއަށް ލިބިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.



