ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ރިޕޯޓުކުރުމަށް ހުޅުވާލިތާ 41 ގަޑިއިރުގެ ތެރޭގައި 29 ވިޔަފާރިއެއްގެ ރިޕޯޓް ލިބިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިކަން ހާމަކުރެއްވީ ސޯޝަލް މީޑިއާ ޕޯސްޓެއްގަ އެވެ. ބިދޭސީން ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ރިޕޯޓްކުރުމަށް ހުޅުވާލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
މިނިސްޓަރު ސަޢީދު ވިދާޅުވީ، މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ނެޝަނަލް ޓާސްކް ފޯސްގެ އޮޕަރޭޝަންތައް މިއަދު މެންދުރު ފަހުން ފެށިގެން ކުރިއަށްދާނެ ކަމަށެވެ. އަދި ރިޕޯޓްކުރެވޭ ވަރަކަށް އެފަދަ ތަންތަން ބަލައި ފާސްކޮށް، ޤާނޫނުގައިވާ ގޮތުގެ މަތީން ފިޔަވަޅު އަޅަމުންދާނެކަމުގެ ޔަގީންކަން އޭނާ ވަނީ އަރުވާފަ އެވެ. މިފަދަ ވިޔަފާރިތައް ހުއްޓުވުމަށް ސަރުކާރުން ވަނީ ވަރުގަދަ އަމަލީ މަސައްކަތްތަކެއް ފަށާފަ އެވެ.
އިކޮނޮމިކް މިނިސްޓްރީން ފާހަގަކުރާ ގޮތުގައި ގަވާއިދާ ޙިލާފަށް ބިދޭސީން ދެ ގޮތަކަށް ހަރަކާތްތެރިވެ އެވެ. އެއީ ދިވެހިން ނިވާފަތްގަނޑަކަށް ހަދައިގެން ބިދޭސީން ހިންގާ ވިޔަފާރިތަކާއި، ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން ބިދޭސީންނަށް ހުއްދަ ނުކުރާ ދާއިރާތަކުގައި ހަރަކާތްތެރިވުމެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ބިދޭސީންނަށް ރާއްޖޭގައި ވިޔަފާރި ކުރުން މަނާ 34 ދާއިރާއެއްގެ ލިސްޓެއް މިނިސްޓްރީން ވަނީ ދާދި ފަހުން އާންމުކޮށްފަ އެވެ.



