ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ނަމުގައި އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދިނުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ. މިގޮތަށް ނިންމާފައިވަނީ މާލެ ސަރަހައްދުގައި އުޅަނދުތައް ގިނަވެ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކަށް ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާތީ އެވެ.
މިނިސްޓަރު އަމީން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކާއި ޚާއްސަކޮށް މާލޭގެ ތޮއްޖެހުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކަށް ބައެއް އިސްލާހުތައް ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އެ މަސައްކަތް ނިމެންދެން ބިދޭސީންގެ ނަމުގައި އުޅަނދު ރަޖިސްޓްރީކުރުން ވަގުތީ ގޮތުން މަޑުޖައްސާލާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދުތައް ގިނަވެ، ތޮއްޖެހުމުގެ މައްސަލަ ވަނީ ބޮޑުވެފަ އެވެ.
މާލޭގެ ތޮއްޖެހުމުގެ މައްސަލަ ކުޑަކުރުމަށް ސަރުކާރުން އަންނަނީ އިތުރު މަސައްކަތްތަކެއް ވެސް ކުރަމުންނެވެ. އެގޮތުން މާލެ ސަރަހައްދުގައި ބޭނުން ކުރެވޭނެ ވެހިކަލްތަކުގެ އަދަދު ކަނޑައެޅުމާއި، ޕާކިންގެ ދަތިކަން ހައްލު ކުރުމަށްޓަކައި އެކި ސަރަހައްދުތަކުގައި ޚާއްސަ ޕާކިން ބިލްޑިންތަކެއް އެޅުމަށް ވެސް ސަރުކާރުން ވަނީ ކުރިން ނިންމާފަ އެވެ.
މީގެ އިތުރުން ޕަބްލިކް ޓްރާންސްޕޯޓްގެ ނިޒާމު ހަރުދަނާކުރުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.



