ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮޕަރޭޝަނަލް މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ދެނެގަތުމަށް ބާއްވާ “ލޯކަލް ޕޮލިސިން ކޮންފަރެންސް” މިއަދު ރަސްމީކޮށް ފަށައިފި އެވެ. މި ކޮންފަރެންސްގެ މައިގަނޑު މަޤްސަދަކީ ފުލުހުންގެ ޚިދުމަތްތައް ހަރުދަނާކޮށް، އެކަމަށް ބޭނުންވާ ޕްލޭނެއް ތައްޔާރުކުރުމެވެ.
މި ކޮންފަރެންސް ފެށުމުގެ ގޮތުން ޕެރަޑައިސް އައިލެންޑް ރިސޯޓް އެންޑް ސްޕާގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވީ ހޯމްލޭންޑް މިނިސްޓަރު ޢަލީ އިޙުސާނެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޮންފަރެންސްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ހުރިހާ ބަހާއެއް ހިމެނޭ ގޮތަށް ޖުމްލަ 170 ބައިވެރިން ބައިވެރިވެފައިވެ އެވެ.
ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު އިސްމާޢީލް ނަވީން އާއި ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީގެ އިތުރުން ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުން ބައިވެރިވެވަޑައިގެންނެވި އެވެ. މީގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ބަހާތަކުގެ އިސްވެރިންނާއި އިސް މުވައްޒަފުން ވެސް މި ބައްދަލުވުމުގައި ބައިވެރިވެފައިވެ އެވެ.
މި ކޮންފަރެންސްގެ ދަށުން ފުލުހުންގެ އޮޕަރޭޝަނަލް ހަރަކާތްތައް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާއި، ކުރިމަގަށް ރާވާފައިވާ ޕްލޭންތަކާ ގުޅޭގޮތުން މުހިންމު މަޝްވަރާތައް ކުރިއަށް ދާނެއެވެ.



