އައިޖީއެމްއެޗްގައި ކުރިއަށްގެންދިޔަ ފުރަތަމަ ބަރުދަން ލުއިކުރާ ސަޖަރީ ‘ބެރިއަޓްރިކް ސާޖަރީ’ ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
އައިޖީއެމްއެޗުން ބުނީ، އެ ހޮސްޕިޓަލުގައި އެންމެ ފުރަތަމަ ބެރިއަޓްރިކް އޮޕަރޭޝަންކުރީ މެލޭޝިއާގެ ޔުނިވާސިޓީ ކެބަންގްސާން މެލޭޝިއާ މެޑިކަލް ސެންޓަރުގެ ބެރިއަޓްރިކް ސާޖަރީގައި އެންމެ އިސްކޮށް އުޅުއްވާ ޑރ. ނިކް ރިޒާ ކޯސައި ބިން ނިކް މަޙްމޫދުގެ އެހީތެރިކަމާއެކު ކަމަށެވެ. އަދި ސާޖަރީ ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔުމުގައި އެ ހޮސްޕިޓަލުގެ ނަރުހުންނާއި، ހޭނައްތާ ޓީމުގެ އިތުރުން ސާޖަކަލް ޓީމުން ކުރި މަސައްކަތް އައިޖީއެމްއެޗުން ފާހަގަކުރި އެވެ.
ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި މި އޮޕެރޭޝަންގެ ޚިދުމަތް ފެށުމާ ގުޅިގެން މާލޭ ހޮސްޕިޓަލްސް ގްރޫޕް (އެމްސީޖީއެޗް)ގެ ސީއީއޯ އިބްރާހީމް އަބްދުލްރައްޒާޤް ޙަލީމް ‘އެކްސް’ގައި ރޭ ކުރެއްވި ޕޯސްޓެއްގައި، މި ސާޖަރީ ކުރެވެން ފެށުމުން ކުރިން ބޭސްކުރަމުން އައި ގައިންގަޔަށް ނާރާ ބައެއް ބަލިތަކަށް ބޭސްކުރަން ނިމުމަކަށް ގެނެވޭނެ ކަމަށެވެ.
ބެރިއަޓްރިކް ސާޖަރީ އަކީ ހަޖަމްކުރާ ނިޒާމު މަސައްކަތްކުރާ ގޮތަށާއި ގޮހޮރުގެ ސައިޒަށް ބަދަލު ގެނެސް، އާދަޔާހިލާފަށް ބޮޑަށް ބަރުދަން މަތިވެފައިވާ މީހުންގެ ބަރުދަން ދާއިމީ ގޮތެއްގައި ދަށްކުރުމަށް އެހީތެރިވުމަށް ކުރާ ވަރަށް ކާމިޔާބު އޮޕެރޭޝަންތަކެކެވެ. މި ސާޖަރީތަކުން ހާސިލުވާ ފައިދާތަކުގެ ތެރޭގައި ކުރިން ބޭސްކުރަމުން އައި ގައިންގަޔަށް ނާރާ ބައެއް ބަލިތަކަށް ބޭސްކުރަން ނުޖެހުމާއި، ޓައިޕް 2 ހަކުރުބައްޔާއި ލޭ މައްޗަށް ދިއުމާއި ކޮލެސްޓެރޯލް މަތިވުމާއި ހިތުގެ ބަލިތަކާއި ބައެއް ބާވަތުގެ ކެންސަރުން ރައްކާތެރިވުން ހިމެނެއެވެ.



