ހިޔާ ފުލެޓު ލިބިފައިވާ ފަރާތްތަކަށް ސަރުކާރުން ކުއްޔަށް ދިން ލުއިތައް ރަސްމީކުރުމުގެ ގޮތުން، އެއްބަސްވުމުގެ އިސްލާހުތަކާއި ފުލެޓުތަކުގެ އަގަށް އައިސްފައިވާ ބަދަލުތަކުގެ ލިޔެކިޔުންތައް ”މައި ހުޅުމާލެ ޕޯޓަލް“ ގައި އާންމުކޮށްފިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފައިވަނީ މިއީ ހިޔާ ފުލެޓު ލިބިފައިވާ ފަރާތްތަކަށް ސަރުކާރުން ދިން ލުއިތައް ރަސްމީކުރުމަށް ކުރެވުނު ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. މިކަމުގެ ސަބަބުން ފުލެޓުތަކުގެ ވެރިފަރާތްކަމުގެ ލިޔެކިޔުންތައް އަވަސްކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެޗްޑީސީން ފާހަގަކުރެއެވެ.
ހިޔާ ފުލެޓު ލިބިފައިވާ ފަރާތްތަކަށް ލުއިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެކެވެ. ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ ވައުދުފުޅު ފުއްދެވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މި ފިޔަވަޅަކީ، ހިޔާ ފުލެޓު ލިބިފައިވާ ގިނަ ފަރާތްތަކަށް މާލީ ގޮތުން ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމެއް ކަމަށް އެޗްޑީސީން ބުނެއެވެ. އެގޮތުން، އެއްބަސްވުމަށް ގެނެވުނު އިސްލާހުތަކާއި އަގަށް އައި ބަދަލުތަކުގެ ސަބަބުން މި ފަރާތްތަކަށް ދިމާވެފައިވާ މާލީ ދަތިތަކަށް ހައްލެއް ލިބިގެންދާނެއެވެ.
މިހާރު ހިޔާ ފުލެޓުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރާތްތަކަށް ވަނީ މައި ހުޅުމާލެ ޕޯޓަލް ލިންކު ބޭނުންކޮށްގެން، އެއްބަސްވުމުގެ އިސްލާހުތަކާއި އަގަށް އައިސްފައިވާ ބަދަލުތައް ބަލާ، ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެޗްޑީސީން އިލްތިމާސްކުރަނީ މި ފުރުސަތުގެ ބޭނުން ހިފައި، ލިޔެކިޔުންތައް އަވަހަށް ފުރިހަމަ ކުރުމަށެވެ. މިއީ ފުލެޓުތަކުގެ ވެރިފަރާތްކަމުގެ ލިޔެކިޔުންތައް އަވަސްކުރުމަށް މަގުފަހިކޮށްދޭނެ ކަމެއް ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.



