ރާއްޖޭގެ ޒަކާތުގެ ނިޒާމު ޒަމާނީ ހަމަތަކާއި އޮނިގަނޑަކާއެކު ހަރުދަނާ ކުރުމަށްޓަކައި އެކުލަވާލި ޒަކާތުގެ ފުރަތަމަ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ތަސްދީޤު ކުރައްވައިފިއެވެ. މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވަނީ މި މަހުގެ 3 ވަނަ ދުވަހު ބޭއްވި 28 ވަނަ ޖަލްސާގައެވެ. މި ޤާނޫނަކީ ދިވެހިރާއްޖޭގައި ޒަކާތުގެ ކަންކަން ހިންގުމަށްޓަކައި ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމަށްޓަކައި އެކުލަވާލެވުނު ފުރަތަމަ ޤާނޫނެވެ.
ޒަކާތުގެ މި ޤާނޫނުގެ މައިގަނޑު މަޤުޞަދަކީ އިސްލާމްދީނުގައި ޒަކާތް ޝަރުޢު ކުރެވިފައިވާ މަޤުޞަދުތައް ޙާސިލު ކުރެވޭނެ ގޮތެއްގެ މަތިން ޒަކާތުގެ ކަންކަމާ ގުޅޭ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމެވެ. އަދި ޤާނޫނުގެ ދަށުން ދައްކަންޖެހޭ ޒަކާތުގެ ބާވަތްތަކާއި، ޒަކާތް ދެއްކުން ލާޒިމުވާ ފަރާތްތަކާއި، މުދަލުގެ ބާވަތްތައް ކަނޑައެޅުމަކީވެސް މި ޤާނޫނުގެ މުހިންމު ބައެކެވެ. މީގެ އިތުރުން ދިރިއުޅުމުގެ ހަމަހަމަކަމާއި، އިޖުތިމާޢީ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާގެ ބޭނުން ފުރިހަމަ ގޮތުގައި ހިފޭނެ އުޞޫލުތައް ކަނޑައެޅުންވެސް މި ޤާނޫނުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މި ބިލު ޤާނޫނަކަށްވުމާއެކު، ރާއްޖޭގައި ޒަކާތް ނެގުމާއި، ބެހުމާ ގުޅޭ ޤައުމީ ސިޔާސަތު ކަނޑައަޅާނީ ވަޒީރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ. ޒަކާތާ ގުޅޭގޮތުން އެއިރެއްގައި ހުންނަވާ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރެއްގެ މަސްއޫލިއްޔަތުތައްވެސް މި ޤާނޫނުގައި ވަނީ ކަނޑައަޅާފައެވެ. ވަޒީރުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޒަކާތާއި ގުޅޭ ސިޔާސަތުތައް ޢާންމުކޮށް، ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށާއި، ސަރުކާރުގެ އިދާރާތަކަށް ބޭނުންވާ ޢާންމު އިރުޝާދާއި ލަފާދިނުން ހިމެނެއެވެ.
ރާއްޖޭގެ ޒަކާތުގެ ނިޒާމު ހިންގައި ބެލެހެއްޓުމަށްޓަކައި ވަޒީރަށާއި، ޒަކާތު ހައުސްއަށް ލަފާދިނުމަށާއި، އެ ނިޒާމުގެ ހިންގުން ވިލަރެސް ކުރުމަށްޓަކައި މުހިންމު ކައުންސިލެއް އުފައްދަން ޖެހެއެވެ. ޤާނޫނަށް ޢަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި ޒަކާތު ކައުންސިލްގެ ނަމުގައި ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންވާނެ ކަމަށް މި ޤާނޫނުގައި ބަޔާންކުރެއެވެ. މި ކައުންސިލްގައި ވަޒީރާއި، މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލްއާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ 2 މެންބަރުން ހިމެނިވަޑައިގަންނަވާ ގޮތުން ޖުމުލަ 9 މެންބަރުން ތިއްބަވާނެއެވެ.
އައު ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ޒަކާތުގެ ކަންކަން ހިންގުމަށް މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ވުޒާރާގެ ދަށުން އުފެދޭނެއެވެ. ޒަކާތު ހައުސްގެ ޒިންމާތަކުގެ ތެރޭގައި ޒަކާތް ނެގުމާއި، ބެހުމާއި ގުޅޭ އެންމެހައި އިދާރީ ކަންކަން ހިންގައި ބެލެހެއްޓުމާއި، ޒަކާތުގެ ބެހެނިވެރިންގެ ދަފްތަރުތައް އެކުލަވާލައި ބެލެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ޝަރުޢީ ލަފަޔާއި އިރުޝާދު ދިނުމަށްޓަކައި، ވަޒީރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއެއްވެސް މި ޤާނޫނުގެ ދަށުން އުފެދިގެންދާނެއެވެ.



