ފުލުހުން ހިންގި އޮޕަރޭޝަނަކުން ވޭޕާ ގުޅުން ހުރި 544 އާލާތް ހޯދައިފި އެވެ.
ފުލުހުން ބުނީ، ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާ ވޭޕާއި ވޭޕް ކާޓްރިޖްގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ މާލޭގެ ދެ ގެއަކާއި ދެ އުޅަނދެއް ބަލައި ފާސްކޮށްފައި ކަމަށެވެ. އޭގެ ތެރެއިން އެއް ސައިކަލުގެ މަޑިދަށުން 89 ވޭޕް ކާޓްރިޖް ފެނިފައިވާ ކަމަށް ފުލުހުން އޭރު ބުންޏެވެ.
ފުލުހުން ފަހުން ބުނީ މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި ދެގޭގެ ތެރެއިން އެއް ގެއިން 190 ފްލޭވާޑް ކާޓްރިޖް، 9 ނެނޯ ސްޓިކް އަދި ޑިސްޕޯސަޕަލް ޕޮޑެއް ފެނިފައިވާ ކަމަށެވެ. އަދި އަނެއް ގެއިން 331 ފްލޭވާޑް ކާޓްރިޖް، 6 ރިފިލް ކާޓްރިޖް އަދި 7 ޕޮޑް ފެނިފައިވާއިރު، އެދެގެއިން ޖުމްލަ 544 އައިޓަމެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އެ އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ހަތަރު ތަނެއް ފާސްކޮށްފައިވާއިރު، އެކަކު ޖޫރިމަނާކުރި އެވެ. އޭގެ އިތުރުން ވޭޕް ވިއްކަމުން ދިޔަ ފޭސްބުކް ޕޭޖެއް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހުގެ ދަށުން ރާއްޖެއަށް ވޭޕްގެ ބާވަތްތައް އެތެރެކުރުން މަނާކޮށް ހަރުކަށި ފިޔަވަޅު އަޅަން ވަނީ ނިންމައިފަ އެވެ.



