މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގައި، މާލޭގެ ރަށްވެހިންގެ ތެރެއިން ގޯތި ސްކީމަށް އެދެވޭނީ މާލޭގެ ރަށްވެއްސަކަށްވެ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މީހުންނަށް ކަމަށް ކަނޑައަޅާފައި އޮތް ޝަރުތު މުރާޖަޢާ ކުރުމާ މެދުގައި ވިސްނަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ. މާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވަމުން އަންނަ ސިލްސިލާ ބައްދަލުވުމުގެ ތެރެއިން ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކަލާފާން ސްކޫލް ހޯލުގައި ރޭ ބޭއްވި ޖަލްސާގައި އާންމުންގެ މީހަކު ވަނީ މި ކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މާލޭގެ ރައްޔިތަކު ފާޅުކުރި ކަންބޮޑުވުމަކީ، މާލޭގައި ދިރިއުޅެމުން އައިސް، އެކި ސަބަބުތަކާ ހުރެ ރަށްވެހިކަން ބަދަލުކުރުމަށް ފަހު އަލުން މާލެއަށް ރަށްވެހިކަން ބަދަލުކުރި ފަރާތްތަކަށް، މިހާރު އޮތް ފަސް އަހަރުގެ ޝަރުތުގެ ސަބަބުން ގޯއްޗަށް ކުރިމަތިނުލެވުމެވެ. އެގޮތުން އޭނާގެ އާއިލާގެ ހާލަތު ހިއްސާކޮށް، މުޅި އުމުރު މާލޭގައި ދިރިއުޅުނު ނަމަވެސް، ރަށްވެހިކަން ބަދަލުކުރުމަށް ފަހު އަލުން މާލެއަށް ރަށްވެހިކަން ބަދަލުކުރީމާ، މިހާރު އޮތް ޝަރުތުގެ ސަބަބުން ބޯހިޔާވަހިކަމުގެ ފުރުސަތު ގެއްލިގެންދާ ކަމަށް އޭނާ ފާހަގަކުރި އެވެ.
މި ކަންބޮޑުވުމަށް ރައްދު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އިޖާބީ ގޮތެއްގައި ވިސްނާނެ ކަމަށެވެ. އެގޮތުން، މި ޝަރުތަށް ގެނެވޭނެ އެންމެ ބޮޑު ލުޔެއް ގެނެސްދީ، އެ މުއްދަތު ކުރުކޮށްދެވޭނެ އެންމެ ބޮޑަކަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ ޝަރުތު އެއްކޮށް އުވާލެވިދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެންމެ ގިނަ ރައްޔިތުންނަށް ފުރުސަތު ދިނުމަކީ ސަރުކާރުގެ އަމާޒު ކަމަށެވެ.
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގައި ގޯތި ދިނުމަށް ދެ ކެޓަގަރީއެއް ކަނޑައަޅާފައިވެ އެވެ. އެއީ މާލޭ ރަށްވެހިންގެ ކެޓަގަރީ އާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންގެ ކެޓަގަރީ އެވެ. މާލެ ރަށްވެހިންގެ ކެޓަގަރީގެ ޝަރުތުތަކުގެ ތެރޭގައި، އުފަންވީއްސުރެ މާލޭގެ ރަޖިސްޓަރީގައި ޖެހިފައިވުން ނުވަތަ މާލޭގެ ރަށްވެއްސަކަށްވެ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވުން ހިމެނެ އެވެ. އަދި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންގެ ޝަރުތަކީ މާލޭގައި ދިރިއުޅޭތާ 15 އަހަރަށް ވުރެ ގިނަ ދުވަސްވެފައި ވުމެވެ.



