ނޯބެލް ސުލްޙައިގެ އިނާމު ލިބިފައިވާ ނަރްގެސް މުޙައްމަދީ އިރާނުން ހުކުރު ދުވަހު ހައްޔަރުކޮށްފައިވާ ކަމަށް އޭނާގެ ފައުންޑޭޝަނުން ބުނެފިއެވެ. އެ ފައުންޑޭޝަނުން މިކަން ހާމަކޮށްފައިވަނީ ނަރްގެސްގެ ބޭބެއާ ޙަވާލާދީއެވެ.
ޕެރިސްގައި ހުންނަ ނަރްގެސް ފައުންޑޭޝަނުން ބުނި ގޮތުގައި، ދާދި ފަހުން އޮފީހުން މަރުވެފައި އޮއްވާ ފެނުނު ވަކީލެއް ކަމަށްވާ ޚޮސްރޯ އަލިކޯރްދީގެ ހަނދާނީ ރަސްމިއްޔާތެއްގެ ތެރެއިން ސެކިއުރިޓީ އަދި ފުލުހުންގެ ބާރުތަކުން ނަރްގެސް މުޙައްމަދީ ވަނީ ބާރުގެ ބޭނުންކޮށްގެން ހިފަހައްޓާފައި އެވެ. މިކަން ހާމަކޮށްފައިވަނީ ތެދުކަން ކަށަވަރުކުރެވިފައިވާ ރިޕޯޓުތަކާއި އަދި އޭނާގެ ބޭބެ، މެހްދީއަށް ޙަވާލާދީއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އިރާނުގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ މަޝްހަދުގައެވެ.
އިރާނުގެ އެންމެ ފާހަގަކޮށްލެވޭ އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ އެއް ފަރާތް ކަމަށްވާ ނަރްގެސް މުޙައްމަދީއަށް 2023 ވަނަ އަހަރު ވަނީ ނޯބެލް ސުލްޙައިގެ އިނާމު ލިބިފައެވެ. ހުކުރު ދުވަހު ނޯވޭގެ ނޯބެލް ކޮމިޓީން ނެރުނު ބަޔާނެއްގައި ވަނީ ނަރްގެސް މުޙައްމަދީ އާއި އެހެނިހެން އެކްޓިވިސްޓުން ބާރުގެ ބޭނުންކޮށްގެން ހައްޔަރުކުރުން ކުށްވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލުމަށް ގޮވާލާފައެވެ.
ނޯވޭގެ ނޯބެލް ކޮމިޓީގެ ޗެއަރމަން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، ނޯވޭގެ ނޯބެލް ކޮމިޓީން އިރާނުގެ އޮތޯރިޓީންނަށް ގޮވާލަނީ ނަރްގެސް މުޙައްމަދީ މިހާރު ހުރި ތަން ވަގުތުން ސާފުކޮށްދީ، އޭނާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އަދި އެއްވެސް ޝަރުޠެއް ނެތި އޭނާ ދޫކޮށްލުމަށެވެ. އިންސާނީ ޙައްޤުތަކާއި، ޤާނޫނުގެ ވެރިކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށްޓަކައި އިރާނުގައި ސުލްޙަވެރިކަމާއެކު މަސައްކަތްކުރާ ހުރިހާ ފަރާތްތަކާއި ނަރްގެސް މުޙައްމަދީއަށް ކޮމިޓީން ތާއީދުކޮށްފައިވެއެވެ.
ނަރްގެސް މުޙައްމަދީ ވަނީ ފާއިތުވެ ދިޔަ 20 އަހަރުގެ ތެރޭގައި ގިނަ ދުވަސްތަކެއް ޓެހްރާނުގެ އެވިން ޖަލުގައި ހޭދަކޮށްފައެވެ. މި ޖަލަކީ ސަރުކާރަށް ފާޑުކިޔާ ފަރާތްތައް ބަންދުކުރުމަށް މަޝްހޫރު ތަނެކެވެ. އޭނާ ވަނީ ޤައުމީ ސަލާމަތާ ޚިލާފަށް ޢަމަލުކުރުމާއި ޕްރޮޕެގެންޑާ ފެތުރުން ފަދަ ދަޢުވާތަކުގައި ޖުމްލަ 36 އަހަރުގެ ޖަލު ޙުކުމްތަކެއް ތަންފީޒުކުރުމަށް ހުކުމްކޮށްފައެވެ. ނަރްގެސް ފައުންޑޭޝަނުން ބުނާ ގޮތުގައި، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު، އޭނާގެ ޖަލު ޙުކުމް ތިން ހަފްތާއަށް ވަނީ މެދުކަނޑާލާފައެވެ. އެއީ ނޮވެމްބަރު މަހު އޭނާ ކުރި އޮޕަރޭޝަނަކަށް ފަހު ރިކަވަރީ ހޯދުމަށް ފުރުޞަތު ދިނުމަށެވެ. އެ އޮޕަރޭޝަނަކީ އޭނާގެ ކަނާތު ފައިގެ ތިރީގައި ކެންސަރުގެ ޝައްކުކުރެވޭ ލެސިއަނެއް ފެނުމުން، އެތަނުގެ ކަށީގެ ބައެއް ނެގުމަށް ކުރި އޮޕަރޭޝަނެކެވެ.
ނަރްގެސް މުޙައްމަދީ ޖަލަށް އެނބުރި ދާނެ ކަމަށް ބެލެވިފައި އޮތް ނަމަވެސް، ހުކުރު ދުވަހު ހައްޔަރުކުރަންދެން އޭނާ ހުރީ ފަރުލޯއުގައެވެ. ފާއިތުވެ ދިޔަ އަހަރުގެ ތެރޭގައި އޭނާ ވަނީ އޭނާގެ އެކްޓިވިޒަމް ކުރިއަށް ގެންގޮސް، އިރާނުގެ އިންސާނީ ޙައްޤުތަކުގެ ޙާލަތާ ބެހޭ ގޮތުން އިތުރަށް އަޑުއުފުލާފައެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭއްވި އިންސާނީ ޙައްޤުތަކުގެ އެކި އިވެންޓުތަކުގައި ވާހަކަ ދައްކާފައެވެ.
ފާއިތުވި ހަފްތާގައި ޓައިމް މެގަޒިންއަށް ލިޔުނު ލިޔުމެއްގައި ނަރްގެސް މުޙައްމަދީ ވިދާޅުވެފައިވަނީ، ދައުލަތުން އެމީހުންގެ އަމިއްލަ އަދި ޒާތީ ދިރިއުޅުމުގެ ކޮންމެ ކަމެއް ކޮންޓްރޯލްކުރާތީ، އިރާނުގެ ރައްޔިތުންނަށް ހަމަޖެހުމެއް ނުލިބޭ ކަމަށެވެ.
“އެމީހުންގެ ހަމަޖެހުން ނަގާލަނީ ސާވައިލަންސް، ސެންސަރުކުރުން، ބޭއިންސާފުން ހައްޔަރުކުރުން، އަނިޔާކުރުން، އަދި އަބަދުވެސް ހަމަނުޖެހުން އުފެދުމުގެ ބިރުވެރިކަމުގެ ސަބަބުންނެވެ.” އޭނާ ލިޔުއްވާފައިވެއެވެ. މި ލިޔުމުގައި އޭނާ ވަނީ އިރާނުގެ ސިވިލް ސޮސައިޓީއާއި، މިނިވަން މީޑިއާއާއި، އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކާއި، އަންހެނުންގެ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިކަން ދިނުމަށް ގޮވާލާފައެވެ.
ނަރްގެސް ފައުންޑޭޝަނުން ބުނި ގޮތުގައި، އެ ހަނދާނީ ރަސްމިއްޔާތުގައި އެހެން އެކްޓިވިސްޓުންތަކެއް ވެސް ހައްޔަރުކޮށްފައިވެއެވެ. ނަމަވެސް އެކަމާ ބެހޭ މައުލޫމާތު މަދުކަމަށް އެ ފައުންޑޭޝަނުން ބުނެއެވެ. އަދި އެ ފައުންޑޭޝަނުން ވަނީ ވަގުތުން އަދި ޝަރުޠެއް ނެތި ހައްޔަރުކުރި މީހުން ދޫކޮށްލުމަށް ގޮވާލާފައެވެ.



