ވައިގެ މަގުން ރާއްޖެ އެތެރެކުރަން މަސައްކަތްކުރި ގިނަ އަދަދެއްގެ ކެނަބިސް ފަތްތަކެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓައިފިއެވެ. ކަސްޓަމްސްއިން މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮތުން މިފަހަރު ހިފެހެއްޓުނު ކެނަބިސް ފަތްތަކުގެ މަގުމަތީ އަގު 2.4 މިލިއަން ރުފިޔާއަށް އަރައެވެ. މިދިޔަ ހޮނިހިރު ދުވަހު އެތެރެކުރަން މަސައްކަތްކުރި މި ތަކެތީގެ ބަރުދަނުގައި ތިން ކިލޯގްރާމު ހުރި ކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ.
މިއީ މި މަހު ރާއްޖެއަށް ވައިގެ މަގުން ކެނަބިސް އެތެރެކުރަން އުޅޭނިކޮށް އަތުލައިގަތް ދެވަނަ ފަހަރެވެ. މި މަހުގެ ފަސްވަނަ ދުވަހު ވެސް 1.2 ކިލޯގްރާމުގެ ކެނަބިސް ފަތްތަކެއް ވައިގެ މަގުން ރާއްޖެ އެތެރެކުރަން މަސައްކަތްކުރިއިރު، އެ ތަކެތީގެ އަގު އެއް މިލިއަން ރުފިޔާއަށް ގާތްކުރެއެވެ.
ނަމަވެސް މި ދެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރިކަން ނުވަތަ ނޫންކަން ފުލުހުން އަދި ސާފުކޮށްދީފައެއް ނުވެއެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ސުޕްރީމް ކޯޓުގެ އިއްތިފާގާ އެކު މަރުގެ އަދަބުދޭން ފާސްކޮށް، މި މަހު ކުރީކޮޅު ވަނީ އަމަލުކުރަން ފަށާފައެވެ. ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙުސާން ވެސް ވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް އެއްވެސް ރަހުމެއް ނުވަތަ އިސްތިސްނާއެއް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.



