ރައްޔިތުންގެ ޝަކުވާތަކަށް ހައްލެއް ހޯއްދެވުމުގެ ގޮތުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން، ހަފުތާއެއްގެ ތެރޭގައި މާލެއިން 52 މަސާޖު ޕާލާއެއް ބަންދުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ގަލޮޅު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
މާލޭގައި މަސާޖު ޕާލާތައް ގިނަކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރަމުންދާ ކަމަށާއި، މި މައްސަލަ ގިނަ އަދަދެއްގެ ރައްޔިތުންގެ ފަރާތުން ފާހަގަކުރައްވާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އެހެންކަމުން، މިކަމަށް ޚާއްސަ އިސްކަމެއް ދެއްވައި، މި މަހުގެ ނުވަވަނަ ދުވަހު ވަނީ ޚާއްސަ އޮޕަރޭޝަނެއް ފަށާފައެވެ.
މި އޮޕަރޭޝަންގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށާއި، މި ކުޑަ ދުވަސްކޮޅުގެ ތެރޭގައި 52 ތަނެއް ބަންދުކުރެވިފައިވާ ކަމަށް ރައީސް އިއުލާނުކުރެއްވިއެވެ. އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މި 52 ތަނުގެ ތެރެއިން 28 ތަން ބަންދުކޮށްފައިވަނީ އެ ވިޔަފާރިތައް ހިންގާ ފަރާތްތަކުން އަމިއްލައަށެވެ.
“މިކަން މިހެން ހިނގާތީވެ، އަމިއްލައަށް މިކަން ހުއްޓާލާފައި، ވިޔަފާރި ބަންދުކޮށްފައި އަމިއްލައަށް ބަންދުކުރި 28 ތަން،” ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ކަމާ ގުޅުންހުރި އިދާރާތަކުން ރެއާއި ދުވާލު މި މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި ރައްޔިތުން ދެއްވާ ޚިޔާލުތައް ވަރަށް އީޖާބީ ގޮތެއްގައި ބަލައިގަންނަ ކަމަށާއި ކޮންމެ ވާހަކަފުޅަކީ ވެސް މުހިންމު ވާހަކަފުޅެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.



