ބޮޑެތި ބަލިތަކަށް ދިގު މުއްދަތަށް ބޭސްކުރާ މީހުންނަށް ޕެންޝަން ފައިސާ އެއްކޮށް ނެގޭ ގޮތް ހެދުމަށްޓަކައި ޕެންޝަން ޤާނޫނަށް ބަދަލު ގެނައުމަށް ސަރުކާރުން ނިންމާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. މިކަން ރައީސް އިޢުލާނު ކުރެއްވީ މާލޭގެ ގަލޮޅު ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޕެންޝަން ފައިސާ ބޭނުންކުރެވޭނެ އިތުރު ޙާލަތްތައް ހިމެނުމަށް ރައްޔިތުން އެދޭތާ ދިގު މުއްދަތެއް ވެފައިވާއިރު، މިކަމަކީ ގިނަ ބައެއްގެ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ މައްސަލައެކެވެ. ރައީސް ވިދާޅުވީ، ރައްޔިތުންގެ މި ކަންބޮޑުވުމަށް ހައްލެއް ގެނައުމަށް ސަރުކާރުން މިހާރު ވަނީ ފިޔަވަޅު އަޅުއްވާފައި ކަމަށެވެ.
ޤާނޫނަށް ގެންނަވާ އެންމެ މުހިންމު އެއް ބަދަލަކީ، ބޮޑެތި ބަލިތަކަށް ދިގު މުއްދަތަށް ބޭސްކުރާ މީހުންނަށް އެމީހުންގެ ޕެންޝަން ފައިސާ އެއްކޮށް ނެގޭނެ އިންތިޒާމު ހަމަޖެއްސުމެވެ. ރައީސް ވިދާޅުވީ، ޚާއްސަކޮށް ނުރައްކާތެރި ބަލި (ޓާމިނަލް އިލްނެސް) ޖެހިފައިވާ ފަރާތްތަކަށް އެމީހުންގެ ޕެންޝަން އެއްކޮށް ނެގޭނެ ގޮތް ހެދުމަށް ހިމެނޭ ކަމަށެވެ.
“މީގެ ތެރޭގައި ޓާމިނަލް އިލްނެސްއެއްގައި އުޅޭ ފަރާތަކަށް ވިއްޔާ އެ ބޭފުޅެއްގެ ޕެންޝަން އެއްކޮށް ނެގޭ ކަހަލަ ގޮތަކަށް ހެދުމާއި މިފަދަ ބައެއް ކަންކަން ހިމެނުން،” ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ މިފަދަ އެތައް ބަދަލެއް ހިމެނޭހެން ޕެންޝަން ޤާނޫނަށް ބަދަލު ގެނައުމުގެ ބިލު ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެ ކަމަށް ވިދާޅުވެފައެވެ.



