ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ބަޔަކު ރޭގަނޑު ދަންވަރުގެ ވަގުތުތަކުގައި އާންމު މަސްލަހަތު ގެއްލޭފަދަ ކަންކަން ކުރަމުންދާތީ، އެކަން ބަލައި ސުވާލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފުލުހުންނަށާއި ކަމާބެހޭ އިދާރާތަކަށް ހާއްސަ އަމުރެއް ނެރުއްވައިފިއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ދަންވަރުގެ ވަގުތުތަކުގައި އާންމު ތަންތަނާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި ސުވާލުކުރުމަށް އަންގަވާފައިވާ ކަމަށެވެ. އަދި މީގެ މަގުސަދަކީ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް އުޅޭ ފަރާތްތައް ދެނެގަނެ، ގާނޫނީ ފިޔަވަޅު އެޅުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ އަމުރާއެއް ގޮތަށް، މި އޮޕަރޭޝަން ރޭ ވަނީ ފަށާފައެވެ. އެގޮތުން ދަންވަރު 12:00 އިން ފެށިގެން ހެނދުނު 06:00 އާއި ހަމައަށް އާންމު ތަންތަނުގައާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި ސުވާލުކުރުމަށް ވަނީ އަންގަވާފައެވެ.
މި އަމުރު ނެރުއްވާފައި މިވަނީ، ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ އަދި ވިޔަފާރިކުރާ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ހޯމް މިނިސްޓްރީ، އިމިގްރޭޝަން، އަދި ފުލުހުން ގުޅިގެން ވަރުގަދައަށް ކުރިއަށް ގެންދާ ދަނޑިވަޅެއްގައެވެ. ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ވިޔަފާރިތަކުގެ ތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ޙަރަކާތްތެރިވާ ބިދޭސީންނާ މެދު ސަރުކާރުން ދަނީ ހަރުކަށި ފިޔަވަޅު އަޅަމުންނެވެ. އަދި މިފަދަ ފަރާތްތަކަށް އިތުރު ފުރުސަތެއް ނުދީ ޑީޕޯޓުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ފުރުސަތު ނުދީ ޑީޕޯޓުކުރުމުގެ މަސައްކަތުގެ ތެރެއިން، މިހާތަނަށް 8،000 އަށްވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ އެމީހުން ނިސްބަތްވާ ޤައުމުތަކަށް ފޮނުވާލާފައެވެ.



