ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރީންނާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ބައްދަލުކުރައްވައި، ވިޔަފާރިތަކަށް ބޭނުންވާ ގުދަން ހެދުމަށްޓަކައި ކުޑަ އަގެއްގައި ބިން ލިބޭނެ ގޮތް ފަހިކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވައިފި އެވެ. މި ބައްދަލުވުމުގައި ވިޔަފާރިވެރީން ވަނީ ގުދަންކުރާނެ ބިން ހޯދުމުގައި ދިމާވާ ދަތިތަކާއި، ކުލި ބޮޑުވުމުގެ ޝަކުވާތައް ރައީސްގެ އަރިހުގައި ހިއްސާކޮށްފަ އެވެ.
ވިޔަފާރިވެރީންގެ ޝަކުވާތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ، ވިޔަފާރި މުދާ ގުދަންކުރުމަށް ކުއްޔަށް ތަންތަން ނުލިބޭ ކަމުގެ ޝަކުވާތައް އިވިވަޑައިގަންނަވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިއީ ސަރުކާރުން އިސްކަންދީގެން ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމެއް ކަމަށާއި، މިކަމަށް ދާއިމީ ހައްލެއް ހޯއްދަވައި ދެއްވުމަށްޓަކައި ބޭނުންވާ މަޝްވަރާތައް މިހާރުން މިހާރަށް ފައްޓަވާނެ ކަމަށެވެ.
ގުދަންކުރުމުގެ ދަތިތައް ހައްލުކުރުމަށްޓަކައި އެޗްޑީސީ (ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން) ނުވަތަ އެމްޕީއެލް (މޯލްޑިވްސް ޕޯޓްސް ލިމިޓެޑް) އާ މަޝްވަރާކޮށްގެން ހައްލެއް ހޯދޭނެ ގޮތެއް އޮތްތޯ ބައްލަވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި އެޗްޑީސީން މިހާރުވެސް ދަނީ ގުދަންތަކެއް ކުއްޔަށް ދިނުމަށް ތައްޔާރުވަމުންނެވެ. އަދި ވިޔަފާރިތަކަށް ގުދަން ހަދަން ކުޑަ އަގެއްގައި ބިން ލިބޭނެ ގޮތް ފަހިކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ޔަޤީންކަން ދެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ވިޔަފާރިވެރީންނަށް ލުއި ގޮތަކަށް ކުޑަ ކުއްޔަކަށް ބިން ކުއްޔަށް ނެގޭނެ ގޮތެއް ފަހިކޮށްދެވޭނެ އުސޫލެއް ބައްލަވާނެ ކަމަށެވެ.



