ސްރީލަންކާގެ 78 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެ ޤައުމާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިވެގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. މި މުނާސަބަތުގައި ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ފޮނުއްވި މެސެޖެއްގައި ރައީސް ވަނީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކައާއި، ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔާގެ އިތުރުން އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ސްރީލަންކާއަކީ ރާއްޖޭގެ އެންމެ ގާތް އަދި އިތުބާރު ހުރި އެއް އެކުވެރިޔާގެ ގޮތުގައި ސިފަކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގަރުނުތަކެއްވީ ދިގު ތާރީޚީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ލަންކާގެ ރައްޔިތުންނަށް އަބަދުވެސް އެއްބައިވަންތަކަމާއި، ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރާއި ޤާބިލުކަން ލިބުމަށް އެދިވަޑައިގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ދުވަހުގެ މުނާސަބަތުގައި ލަންކާގެ އިސްވެރިންނަށް ރައީސް ފޮނުއްވި ޚާއްޞަ ސިޓީފުޅުތަކުގައި، އެ ޤައުމުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ހަމަޖެހުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފައިވެއެވެ. ޚާއްޞަކޮށް ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިންނާއި، ސަރަޙައްދީ މަސްލަޙަތު ހިމެނޭ ކަންކަމުގައި ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅުގައި ރައީސް ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ރަސްމީކޮށް ޚާރިޖީ ގުޅުން ޤާއިމުކުރީ 26 ޖުލައި 1965 ގައެވެ. ސަގާފީ ގޮތުންނާއި ސަރަޙައްދީ ގޮތުން އޮތް ގާތްކަމުގެ އިތުރުން، ތަޢުލީމީ އަދި ޞިއްޙީ ދާއިރާއަކީ ލަންކާގެ ފަރާތުން ދިވެހިންނަށް ބޮޑެތި އެހީތެރިކަމާއި ޚިދުމަތްތަކެއް ލިބެމުންދާ ދެ ދާއިރާކަން ފާހަގަކޮށްލެވެއެވެ.



