މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން މާލޭގައި ފެންބޮޑުވެދާނެ ކަމަށް ލަފާކުރެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސް ކޮށްފިއެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެފައިވާއިރު، ފެންބޮޑުވުމުގެ އެކި ހާދިސާތައް ވެސް ވަނީ ހިނގާފަ އެވެ. އެހެންވެ އެންޑީއެމްއޭއިން ބުނީ ވިއްސާރަވެ ވައިގަދަވުމާއި ފެންބޮޑުވުމުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ދުރާލާ ފިޔަވަޅު އެޅުމަށް އިލްތިމާސްކުރާ ކަމަށެވެ.
ޅ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް މިއަދު ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ލަފާކޮށްފައެވެ. އެގޮތުން އެ ސަރަހައްދަށް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
މިކަމާއި ގުޅިގެން އެމްއެންޑީއޭއިން ވަނީ ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވާނެ ފަދަ މުދާ ފެނުގެ އަސަރު ނުފޯރާ ތަނަކަށް ބަދަލުކުރުމަށާއި ދަތުރަށް ނިކުންނައިރު ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
އަންނަ ހޯމަ ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ލަފާކުރެއެވެ.



