މާލެ އަތޮޅު ކަނޑޫމާ ތިލަ ކައިރިން މިއަދު މަރުވެފައި އޮތް ބިދޭސީ ފިރިހެނެއްގެ ހަށިގަނޑު ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ކަނޑުމަތިން ހަށިގަނޑެއް ފެނުނު ކަމުގެ ރިޕޯޓު ހެނދުނު 10:15 ހާއިރު ލިބިފައިވާ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލުތައް އަދި ހާމަކޮށްފައެއް ނުވެ އެވެ.
މިފަދަ ހާދިސާއެއް މީގެ ކުރިން މިދިޔަ ބުރާސްފަތި ދުވަހު ވެސް ވަނީ ހިނގާފަ އެވެ. އެ ދުވަހު ފުލުހުންނަށް ރިޕޯޓުކުރީ ގުޅިފަޅު ކައިރިން މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނިގެންނެވެ. ފުލުހުން ފަހުން ހާމަކުރެއްވި ގޮތުގައި އެއީ ލޯންޗަކަށް އަރަން އުޅެނިކޮށް ކަނޑަށް ވެއްޓުނު ޗައިނާގެ 38 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނި ގޮތުގައި އެ މީހާ ކަނޑަށް ވެއްޓުމުން ލޯންޗުގައި ތިބި މީހުން ވަނީ އޭނާ ސަލާމަތްކުރަން މަސައްކަތްކޮށްފަ އެވެ. އެ ވަގުތު މީހާ ކަނޑުގައި އޮއްވާ ފެނުނު ނަމަވެސް، ފަހުން އޭނާ ނުފެނިގެން އެ ސަރަހައްދުން ދަތުރުކުރި އެހެން ލޯންޗަކަށް ވެސް އެ މައުލޫމާތު ދީ، ހޯދުމުގެ މަސައްކަތް ކުރި އެވެ. އަދި ކޯސްޓްގާޑަށް ވެސް އެ މައުލޫމާތު ހިއްސާކޮށްފައިވެ އެވެ. އެހެންކަމުން ކޯސްޓްގާޑުން ވެސް އައީ އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.



