ރާއްޖޭގެ ގައުމީ ދަނޑު ނުވަތަ ނެޝަނަލް ސްޓޭޑިއަމް ހުޅުމާލޭގައި ބިނާކުރުމުގެ އިތުރުން، ހުޅުމާލޭގެ ދެ ފިޔަވަހީގައި ސްޕޯޓްސް ކޮމްޕްލެކްސްތައް ގާއިމުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ އިއުލާނު ކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކުޅިވަރުގެ ދާއިރާއިން ހުޅުމާލެއަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ހުޅުމާލޭގެ ފޭސް އެކަކާއި ފޭސް ދޭއްގައިވެސް ޒަމާނީ ފެންވަރުގެ ސްޕޯޓްސް ކޮމްޕްލެކްސްތައް ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ. މިއީ އެ ސަރަހައްދުގައި ދިރިއުޅޭ ޒުވާނުންނާއި ކުޅިވަރު ކުޅުންތެރިންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް ކުރެވޭ މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނެޝަނަލް ސްޓޭޑިއަމްގެ މަޝްރޫއާ ގުޅޭގޮތުން ރައީސް އިތުރަށް ވިދާޅުވީ، އެ މަސައްކަތް މިހާރު އޮތީ ވަރަށް ބޮޑަށް ކުރިއަށް ގޮސްފައިވާ އެޑްވާންސް ސްޓޭޖެއްގައި ކަމަށެވެ. އަދި މި މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ހުޅުމާލެއިން ބިން ހަމަޖައްސާފައިވާ ކަމަށާއި، މިކަމަށް ބޭނުންވާ ފައިސާ ހޯދުމަށް ބޭރު ގައުމެއްގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި މަޝްރޫއުތަކަކީ ހުޅުމާލޭގެ ތަރައްޤީއަށާއި ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އާ ހަރުފަތަކަށް ގެންދިއުމަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެއް ކަމަށް ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ. .



