ސްކޫލް ބަންދާއި އަހަރީ ޗުއްޓީއާ ދިމާކޮށް މާލެ ސަރަހައްދުގެ އަމާންކަން ބެލެހެއްޓުމަށް ފުލުހުން ކުރިއަށްގެންދާ ސިލްސިލާ އޮޕަރޭޝަން “ރިވެލި” މާދަމާ ރޭ ފެށުމަށް ހަމަޖެހިފައިވާކަން ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
މާލޭ ސަރަހައްދުގެ ފުލުހުންގެ މަސައްކަތްތަކާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ވިދާޅުވީ، މި އޮޕަރޭޝަން މާދަމާ ރެއިން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.
މި އަހަރުގެ އޮޕަރޭޝަންގެ ދާއިރާ ފުޅާކޮށް، ގްރޭޓަރ މާލެ ސަރަހައްދުގެ އިތުރުން ކައިރި ރަށްތަކާއި ރިސޯޓުތަކުގައިވެސް ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. އޭސީޕީ ޝަރީފް ފާހަގަކުރެއްވި ގޮތުގައި، ޗުއްޓީ ދުވަސްވަރަކީ ކުށްތައް އިތުރުވާ ދުވަސްވަރަކަށް ވާތީ، މި އޮޕަރޭޝަންގެ މައިގަނޑު މަޤްޞަދަކީ ކުށް މަދުކޮށް ރައްޔިތުންނަށް އަމާން މާހައުލެއް ކަށަވަރުކޮށްދިނުމެވެ. މިގޮތުން މާލޭގެ މަގުމަތީގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޗުއްޓީއަށް ފުރައިގެންދާ ފަރާތްތަކުން ގޭގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ގޭގައި އަގުބޮޑު ތަކެތި ނުބެހެއްޓުމަށާއި، އިތުބާރު ހުރި މީހަކާ ގެ ބެލެހެއްޓުން ހަވާލުކުރުމަށް ވަނީ އިރުޝާދު ދީފައެވެ. އަދި ޗުއްޓީގައި އުޅެނިކޮށް ކަމެއް ދިމާވެއްޖެ ހާލަތެއްގައި އަމަލުކުރަންވީ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދިނުމަށްވެސް ފުލުހުން ވަނީ ނިންމާފައެވެ.
މީގެ އިތުރުން، އަމިއްލަ އުޅަނދުތައް ޕާކުކުރުމުގައި ރޭގަނޑު އަލިކަން ހުންނަ، މީހުން ހަރަކާތްތެރިވާ ނުވަތަ ސީސީޓީވީ ކެމެރާ ހުންނަ ރައްކާތެރި ސަރަހައްދުތައް އިޚްތިޔާރު ކުރުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ. މިއީ ގިނަ ބަޔަކު އެއްތަނުން އަނެއްތަނަށް ދަތުރުކުރާ ދުވަސްވަރަކަށް ވާތީ، މުދަލާއި ފުރާނައިގެ ރައްކާތެރިކަމަށް އެންމެހާ ރައްޔިތުންވެސް ފަރުދީ ޒިންމާ އަދާކުރުމަކީ މުހިންމު ކަމެއް ކަމުގައި ފުލުހުން ފާހަގަކުރެއެވެ.



