ރަށްރަށުގައި ހިންގާ ހައުސިންގ މަޝްރޫޢުތަކުގައި އެރަށަކާއި ކައިރި ރިސޯޓުތަކުގައި މަސައްކަތްކުރާ ޒުވާނުންނަށް އިސްކަން ދިނުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
“ނޭޝަނަލް ޔޫތު ކޮންފަރެންސް 2025” ގައި ހިމެނިގެން ރޭ ބޭއްވި “ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް” ހަރަކާތުގައި ވާހަކަފުުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ވަޒީފާތަކަށް ޝައުގުވެރިވާ ޒުވާނުންނަށް އެމަނިކުފާނުގެ އޮތް އިލްތިމާސް އަކީ އުފަން ރަށާއި ކައިރި ރިސޯޓްތަކަށް ވަޒީފާއަށް ދިއުން ކަމަށެވެ.
އަދި ޒުވާނުންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އާއިލާއާ ދުރުގައި ރިސޯޓުތަކުގައި ދިރި އުޅެންޖެހުން ކަމަށާއި، އެހެންކަމުން، ރިސޯޓުތަކާ ކައިރި ރަށްރަށުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ޒުވާނުންނަށް އާއިލާއާ ގާތުގައި ވަޒީފާ އަދާކުރުމަށް ލިބޭނެ ފުރުސަތެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ އާބާދީ ބޮޑެތި ރަށްތަކުގައި ހައުސިންގެ ގިނަ މަޝްރޫޢުތަކެއް ހިންގާނެ ކަމަށާ އެ މަޝްރޫއުތަކުން ފަތުރުވެރިކަމާއި މަސްވެރިކަމުގައި ހަރަކާތްތެރިވާ ޒުވާނުންނަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ. ކޮންމެ މަޝްރޫއުއަކުން ވަކި އިންސައްތައެއް އެ ޒުވާނުންނަށް ޚާއްސަ ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.
“މިގޮތަށް ބަލާއިރު އެއްކަމަކީ ގެދޮރުވެރިކަން. އެހެންމަ ސަރުކާރުން އެބަ ވަރަށް ބޮޑަށް އިސްކަންދެން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޒުވާނުންނަށް އެބަ ހޯދަދެން. އެ ރިސޯޓެއްގެ ކައިރިން ނުވަތަ ޓޫރިޒަމް ޒޯނުތަކުގެ ކައިރީގަ ހުންނަ ބޮޑެތި އާބާދީތަކުގައި ބޯހިޔާވަހިކަމުގެ ޕްރޮކެޖްޓުތައް ހިންގަން. އޭރުން މައިގަނޑު ގޮތެއްގައި މި ހައްލުވެގެންދަނީ ޒުވާނުންނަށް އެ ޒުވާނެއްގެ އާއިލާއާ ގާތުން ހައުސިންގ ހޯދުމުގެ ފުރުސަތު.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހާރުވެސް 800 ހައުސިން ޔުނިޓް އަޅަން ހަވާލުކޮށްފައިވާ ކަމަށާ އެ މަޝްރޫއުތަކުން ވަކި އިންސައްތައެއް ޒުވާނުންނަށް ޚާއްސަ ކުރާނެ ކަމަށެވެ. ޒުވާނުން ބާރުވެރިކުރުވަން ކުރަން ޖެހޭ އެންމެ ބޮޑު މަސައްކަތަކީ ބޯހިޔާވަހިކަން ދިނުން ކަމަށްވެސް ވިދާޅުވި އެވެ.



