ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ތަޢާރަފުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، އަންނަ ޖަނަވަރީ މަސް ނިމޭއިރު އެ ޚިދުމަތުގެ ފުރިހަމަ އެކްސެސް ދިވެހިންނަށް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ “ނޭޝަނަލް ޔޫތު ކޮންފަރެންސް 2025” ގެ ތެރެއިން ބޭއްވި “ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް” ހަރަކާތުގައި ޒުވާނުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ކްރިއޭޓިވް އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކަށް ބައިނަލްއަޤްވާމީ މާލީ މުޢާމަލާތްތައް ހިންގުމުގެ ފުރުސަތު ހޯދައިދިނުމަކީ ސަރުކާރުގެ މެނިފެސްޓޯގައި ވަރަށް ބޮޑު އިސްކަމެއް ދީފައިވާ ކަމެއް ކަމަށެވެ. މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްގެ “ސްވައިޕް” ޚިދުމަތްވެސް މި މަހު ޓެސްޓު ކުރަން ފަށާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ގެނައުމަށް އުރީދޫ މޯލްޑިވްސްއިން އަންނަނީ ބޮޑެތި ތައްޔާރީތަކެއް ވަމުންނެވެ. އެގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ އިންވާޑް ރެމިޓެންސް ލައިސަންސް ރަސްމީކޮށް އުރީދޫ ފިންޓެކްއަށް ދީފައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ރާއްޖެއަށް ގެންނަ މިފަދަ ބޮޑެތި ބަދަލުތައް ހާސިލުކުރެވޭނީ ޒުވާނުންގެ ފުރިހަމަ އެއްބާރުލުމާއެކު ކަމަށެވެ. މި ޚިދުމަތަކީ ރާއްޖޭގެ ފަންނުވެރިންނަށް ބައިނަލްއަޤްވާމީ ބާޒާރުގައި އެމީހުންގެ އުފެއްދުންތަކަށް ފައިސާ ހޯދުމަށް ހުޅުވިގެންދާނެ ވަރަށް ބޮޑު ދޮރެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.



