މާލޭގައި ބަނގުރާ ކައްކައި ބޭނުންކޮށް، އޭގެ ވިޔަފާރިކުރަމުންދިޔަ ތަނެއް ބަލައިފާސްކޮށް ދެ ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނިގޮތުގައި އެ ދެމީހުން ހައްޔަރުކުރީ “ރިވެލި”ގެ ދަށުން ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސްއާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލޭގައި ބަނގުރާ ކައްކައި، ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ތަނެއް ފެނިގެން ބަލައި ފާސްކުރުމުގެ ތެރެއިންނެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އިންޑިއާ ދެ މީހުން ކަމަށްވާ 22 އަހަރުގެ މޮހަންދާސް ރަޖެންދިރަން އާއި 41 އަހަރުގެ ބަލަސުބްރަމަނިޔަން ސެލަމް އެވެ.
އެ ދެ މީހުން ވެސް ހައްޔަރުކުރީ މާލޭގެ ގެއެއް ބަލައިފާސްކުރުމުގެ ތެރެއިން ކަމަށާއި އެގޭގެ ތިން ވަނަ ފަންގިފިލާގައި ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެއްޗާއި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ގެއަކީ އެ މީހުން ކުއްޔަށް ނަގައިގެން އުޅޭ ތަނެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައިވާ ދެ މީހުން ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.



