ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ޓިކްޓޮކްގައި ކުރިއަށްދިޔަ ލައިވް ބްރޯޑްކާސްޓެއްގެ ތެރެއިން ތުއްތު ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރަން ފަށައިފިއެވެ. މި މައްސަލަ ފެންމަތިވީ ވީޑިއޯ ނުޖައްސައި، ހަމައެކަނި އޯޑިއޯ ބޭނުންކޮށްގެން ކުރިއަށް ގެންދިޔަ ލައިވެއްގައި އަންހެނަކު އޭނާގެ ދަރިފުޅަށް ހަޑިހުތުރު ބަހުން މުހާތަބުކޮށް، އަނިޔާކުރާ އަޑު އިވުމާ ގުޅިގެންނެވެ. މައުލޫމާތު ލިބޭ ގޮތުގައި މި ހާދިސާގައި އަނިޔާ ލިބިފައިވަނީ އެއް އަހަރުވެސް ނުވާ ތުއްތު ކުއްޖަކަށެވެ.
މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަމާ ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން ފުލުހުންގެ ކްރައިމް އެގެއިންސްޓް ޗިލްޑްރަން ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޝަރީފު ވިދާޅުވީ، މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައުމާއެކު ވަގުތުން އެޓެންޑްވެ ތަހުގީގު ފަށާފައިވާ ކަމަށެވެ. އަދި ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުން މި ހާދިސާ ހިނގާފައިވަނީ މާލެ ސަރަހައްދުގެ ރަށެއްގައިކަން ދެނެގަނެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝަރީފު އިތުރަށް ވިދާޅުވީ، މިހާރު އެ ކުއްޖާގެ ރައްކާތެރިކަން ފުލުހުން ކަށަވަރުކޮށްފައިވާ ކަމަށެވެ. “އެ މައުލޫމާތު ލިބުމާއެކު ފުލުހުން ވަނީ އެކަމަށް އެޓެންޑްވެ، މައްސަލައިގެ ތަހުގީގު ފަށާފަ،” ޝަރީފު ވިދާޅުވިއެވެ.
މި މައްސަލައިގައި ކުއްޖާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ފުލުހުން ދަނީ ކުރަމުންނެވެ.
މި މައްސަލައާ ގުޅިގެން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ވެސް ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ. ނަމަވެސް، މިއީ މިހާރު ތަހުގީގު ކުރެވެމުންދާ މައްސަލައަކަށް ވާތީ، މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.



