މާލޭގެ ރަށްދެބައި މަގުގައި ހުންނަ ބަރުބަރީ މިސްކިތް ތަޅާލުމަށްފަހު، އެ ބިމުގައި އަލަށް ބިނާކުރި ތިން ބުރީގެ އިމާރާތުގެ މަސައްކަތް ނިންމައި އަންނަ ރޯދަމަހަށް އެ މިސްކިތް ހުޅުވުމަށް ތައްޔާރުވެއްޖެއެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ، މިސްކިތުގެ މަސައްކަތްތައް ވަރަށް އަވަހަށް ނިމި، އަންނަ މަހު ފެށޭ ރަމަޟާން މަހުގެ ނަމާދުތައް އެ މިސްކިތުގައި ކުރެވޭނެ ކަމަށެވެ.
މަޖީދީ މަގާ އިންވެގެން އޮންނަ ރަށްދެބައި މަގުގައި ހުރި ބަރުބަރީ މިސްކިތް އަލުން ބިނާކުރުމުގެ މަސައްކަތް “އަލިސާފު” ކުންފުންޏާ ހަވާލުކޮށްފައިވަނީ ޑިސެމްބަރު 2024 ގައެވެ. މި މަޝްރޫއުގެ ދަށުން ބިނާކުރި ތިން ބުރީގެ އާ އިމާރާތަކީ ޖާގަ ތަނަވަސްކޮށް ފަރުމާކުރެވިފައިވާ ތަނެކެވެ. އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި އާ މިސްކިތް ފުރިހަމަވުމުން އެއްފަހަރާ 830 މީހުންނަށް ނަމާދު ކުރެވޭނެ ޖާގަ ލިބިގެންދާނެއެވެ.
މިސްކިތްތައް މަރާމާތުކުރުމާއި އަލަށް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން، ކުރިއަށް އޮތް ރޯދަމަހުގެ ކުރިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 15 ވަރަކަށް މިސްކިތް ހުޅުވުމަށް ވަނީ އަމާޒު ހިފާފައެވެ
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ފެށޭނީ އަންނަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ.



